ދުނިޔެ
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ހުއްޓުމަކަށް: ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެބަސްވުން ބޮޑުވެއްޖެ
ހޮރްމުޒް ކަނޑުއޮޅި.
އެމެރިކާއާއި އީރާނާ ދެމެދު ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ އިރު، ހޮރްމުޒް ކަނޑުއޮޅި އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރާ ދައުވާ އީރާނުން އަނެއްކާވެސް ދޮގުކޮށްފިއެވެ.
އީރާނުން ބުނަމުންދަނީ އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓާލައި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަދި ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ނޫނީ ކަނޑުއޮޅި ހުޅުވާނުލާނެ ކަމަށެވެ.
އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އެމެރިކާގެ މިންވަރެއް ނެތް ދޮގު ބަޔާންތަކަކުން ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ. އަދި އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރަންދެން ހޮރްމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެކޭ އެއްގޮތަށް، ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ އަމަލުތަކަކީވެސް ހެދިފައިވާ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ދުނިޔޭގެ ތެލާއި އެލްއެންޖީގެ ފަސްބައިކުޅައެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅިން އީރާނުގެ ހުއްދަ ނެތި އުޅަނދުފަހަރު ދަތުރުކުރުން އީރާނު ސިފައިން ދަނީ ހުއްޓުވަމުންނެވެ. އަނެއްކޮޅުން އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވާ އުޅަނދުފަހަރު ހުއްޓުވުމަށް ކަނޑުގެ ހިސާރުކުރުމެއް ހިންގަމުންނެވެ. އެގޮތުން އެމެރިކާގެ އިންޒާރުތަކަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ޕެނަމާގެ ދިދަ ނަގާފައިވާ އުޅަނދަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފައެވެ.
ދެގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ހުއްޓިފައިވީ ނަމަވެސް، އީރާނުން ދަނީ އޯމާން މެދުވެރިކޮށް ކަނޑުއޮޅީގެ ސެކިއުރިޓީއާއި ދަތުރުފަތުރުގެ މަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންނެވެ. ގަތަރާއި ޕާކިސްތާނުންވެސް ދަނީ ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާކުރަން ދެކޮޅުހަދަނީ ޖޫން 17 ގައި ވެވުނު އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ކަނޑުއޮޅި ހުޅުވާލުމަށްޓަކައި އެމެރިކާއިން ފުރިހަމަކުރަންޖެހޭ 6 ޝަރުތެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އީރާނަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމާއި، އީރާނާއި އޭގެ މަދަދުގާރުންނަށް ދޭ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ. އިދިކޮޅަށް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވޭތުވެދިޔަ 50 އަހަރު އީރާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.