ވިޔަފާރި
ރާޔާ އެއާވޭސްއިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފި
ރާޔާ އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުން / ފޮޓޯ: އެމްއޭސީއެލް
ރާޔާ އެއާވޭސްއިން މެލޭޝިއާގެ ޕެނޭންގް އާއި ދިވެހިރާއްޖެއާ ދެމެދު ކާގޯ ދަތުރުތަކެއް މިއަދު ފަށައިފިއެވެ.
މިއަދު ފެށި މި ދަތުރުތަކަކީ ހަފުތާއަކު ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކެކެވެ. މި އެއާލައިނުން ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތައް ކަމަށްވާއިރު، މީގެ ސަބަބުން މާލެ އާއި ޕެނޭންގާ ދެމެދު ސީދާ ވައިގެ މަގުން މުދާ އުފުލުމުގެ ގުޅުމެއް ގާއިމުވެގެންދާނެއެވެ.
މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ މި ފެށުމާއެކު، ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމަށް އާ ފުރުސަތުތަކެއް ހުޅުވި، ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކާގޯ ގުޅުވައިދޭ މުހިންމު ހަބެއްގެ ގޮތުގައި ތަރައްގީވެ، އެއާޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވާނެއެވެ. އަދި މުދާ ފޮނުވާ ފަރާތްތަކަށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ވާސިލުވުމަށް އިތުރު މަގުތައް ފަހިވެގެންދާނެއެވެ.
ރާޔާ އެއާވޭސް އަކީ މިހާރު ތާވަލުކޮށްގެން ރާއްޖެއަށް ދަތުރުކުރާ ދެވަނަ ކާގޯ އެއާލައިނެވެ. މިއީ ރާއްޖޭގެ ކާގޯ ވިއުގަ ފުޅާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެއާޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ ވަނީ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން ރާއްޖެ ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ގުޅުވާލެވިފައެވެ. ނިމިދިޔަ 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު ކުރެވި، 4,300 ޓަނަށްވުރެ ގިނަ ކާގޯ ވަނީ ހެންޑްލްކޮށްފައެވެ.