ދުނިޔެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށްއައި ބިންހެލުމުގައި ލިބިފައިވާ ބައެއް ގެއްލުން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2026، 04:38

15 އޯގަސްޓު 2026، 04:38

އިންޑޮނޭޝިއާގެ ފްލޯރޭސް އައިލެންޑަށް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 38 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ކާރިސާތަކާބެހޭ އިދާރާ (ބީ.އެން.ޕީ.ބީ) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައީ އެގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ ފަތިހު 05:00 (ޖީ.އެމް.ޓީ އިން ހުކުރު ދުވަހުގެ 22:00) ހާއިރުއެވެ. މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 15 ކިލޯމީޓަރު އަޑިން ކަމަށް އެގައުމުގެ މީޓިއޮރޮލޮޖީ އެޖެންސީން ބުނެއެވެ. އާންމުގޮތެއްގައި ބިމުގެ ތިލަ ހިސާބުތަކަށް އަންނަ ބިންހެލުންތަކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީސްޓް ނޫސާ ޓެންގާރާ ޕްރޮވިންސްގެ ގަވަރުނަރު އިމަނުއަލް މެލްކިއަޑޭސް ލަކާ ލީނާ ވިދާޅުވީ، ގިނަ މީހުން މަރުވެފައިވަނީ ނިދާފައި ތިއްބާ އިމާރާތްތައް ބޯމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ.

މައުމެރޭގެ ބަނދަރު ސަރަހައްދުގައި ހުރި ޓާމިނަލް އިމާރާތުގެ ބައިތައް ފެރީއަށް އަރަން ތިބި މީހުންގެ ބޯމައްޗަށް ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އަދި ބައެއް މީހުން ކަނޑަށް ވެއްޓިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ބިންހެލުމަށްފަހު ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ކަނޑުގެ ލެވެލްއަށް ބޮޑު ބަދަލެއް ނައުމުގެ ސަބަބުން ތިން ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ. ނަމަވެސް، ސުނާމީގެ ބިރަށް 2،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

މި ބިންހެލުމުގައި މިހާތަނަށް 54 ގެއަކަށާއި، ސިއްހީ ޚިދުމަތްދޭ 5 ތަނަކަށާއި، 3 މިސްކިތަކަށާއި، ސަރުކާރުގެ 6 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މަންގަރާއީ ޕްރޮވިންސަށެވެ.

ބިންހެލުމަށްފަހުވެސް ރިކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގެ ލޮޅުންތައް ހިމެނޭހެން އެތައް ލޮޅުމެއް އަންނަމުންދާތީ، އާންމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގިނަ ބަޔަކު ގެތަކަށް ވަނުމުގެ ބަދަލުގައި މަގުމަތީގައާއި ހާމަ ފަސްގަނޑުތަކުގައި ވަގުތު ހޭދަކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ސަރަހައްދެއްގައި އޮންނަ ގައުމަކަށްވުމުން، އެގައުމަކީ އަބަދުވެސް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450