ދުނިޔެ
ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް މައްސަލައިގައި ބަލި ގަބޫލުކުރުމަށް އެމެރިކާއަށް އީރާނުން ގޮވާލައިފި
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް
ސްޓްރެޓީޖިކް ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މައްސަލައިގައި، އެމެރިކާއިން ބަލި ގަބޫލުކުރުމަށް އީރާނުން ގޮވާލައިފިއެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަކީ "ވަރަށް ނުބައި" ގައުމެއްގެ ގޮތުގައި ސިފަކޮށް، ހަނގުރާމަ ދިގުލައިގެންދާތީ ތެލުގެ އަގު އުފުލިފައި ހުންނާނެ ކަމަށް ތައްޔާރުވުމަށް އެމެރިކާގެ ރައްޔިތުންނަށް އިންޒާރު ދީފައެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބާބާދީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ، މި ކަނޑުއޮޅި ހުޅުވައި ބަންދުކުރެވޭނީ ހަމައެކަނި އީރާނުގެ އަމުރަށް ކަމަށެވެ. އަދި އެމެރިކާއިން ބަލި ގަބޫލުނުކުރާހާ ހިނދަކު، އީރާނުން މި ބަންދު ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޓްވީޓަކުން ނުވަތަ މަތިންދާބޯޓު އުފުލާ މަނަވަރަކުން އަދި އިންތިޚާބީ ތަގުރީރަކުން ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ ވޮޝިންޓަނާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދައުރުވާ މި މުހިންމު މަގުން ދަތުރުފަތުރު އަލުން ފެށޭނީ ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިއުޔޯކްގެ ގާޑަން ސިޓީގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަމުން ރައީސް ޓްރަމްޕް ބުނީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ނުދިނުމަށްޓަކައި ތެލަށް ކުޑަ އަގެއް އިތުރަށް ދައްކަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެމެރިކަން އޮޓޯމޮބީލް އެސޯސިއޭޝަނުން ބުނާ ގޮތުގައި އެމެރިކާގައި ގެލަންއެއްގެ އަގު ވަނީ 4.08 ޑޮލަރަށް އަރައި، މިދިޔަ އަހަރަށްވުރެ 29 އިންސައްތަ އުފުލިފައެވެ. އަދި ހުކުރު ދުވަހު ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ވެސް ވަނީ 6 އިންސައްތަ އުފުލިފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އެ ގައުމުގެ އިންފްލޭޝަން މަތިވަމުންދަނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކާއި ތެލުގެ އެކްސްޕޯޓަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އަންނަ ހަފްތާގައި އީރާނާ ދެކޮޅަށް އިތުރު މާލީ ފިޔަވަޅުތަކެއް އަޅާނެކަން އިއުލާނުކުރައްވާފައެވެ.
ޝިޕް ޓްރެކިން ފާމް ކްލެޕަރ އިން ހާމަކުރި ގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރި މި ކަނޑުއޮޅިން ހުކުރު ދުވަހު ދަތުރުކޮށްފައިވަނީ އެންމެ ދެ އުޅަނދެވެ. އީރާނުގެ ހުއްދައާ ނުލައި ދަތުރުކުރާ އުޅަނދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުވަމުންދާއިރު، ޔޫއޭއީގެ ތެޔޮ ކުންފުނި އަދްނޮކްގެ އުޅަނދުތަކަކަށްވެސް ވަނީ ހަމަލާދީފައެވެ. މީގެއިތުރުން ޔަމަނުގެ ހޫޘީން ދިން މިސައިލް ހަމަލާތަކެއްގައި މޮޗާ ބަނދަރުން އާންމުންގެ ހަތަރު މީހުން މަރުވެފައިވާއިރު، ސައުދީގެ ނަޖްރާންގައި ހުންނަ އަރާމްކޯގެ ވަސީލަތަކަށްވެސް ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ.