ދުނިޔެ

އެއާބަސްއެއް މެދުކެނޑުމެއްނެތި 24 ގަޑިއިރު ދަތުރުކޮށް ދުނިޔޭގެ އައު ރެކޯޑެއް ހަދައިފި

އެއާބަސްއެއް މެދުކެނޑުމެއްނެތި 24 ގަޑިއިރު ދަތުރުކޮށް ދުނިޔޭގެ އައު ރެކޯޑެއް ހަދައިފި

މެދުނުކެންޑީ ދަތުރުކުރި ޓެސްޓް ފްލައިތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 06:34

16 އޯގަސްޓު 2026، 06:34

ދުނިޔޭގެ މަޝްހޫރު މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސްގެ އޭ350-1000 ޔޫއެލްއާރު (އަލްޓްރާ ލޯންގް ރޭންޖް) މަރުކާގެ މަތިންދާބޯޓުން މެދުކެނޑުމެއްނެތި އެންމެ ދުރަށް ދަތުރުކޮށް، ވިޔަފާރި އުދުހުންތަކުގެ ދާއިރާއިން ދުނިޔޭގެ އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.

މި ތާރީޚީ ދަތުރުގައި ބޯޓު ވަނީ 24 ގަޑިއިރާއި 24 މިނެޓުގެ ތެރޭގައި ޖުމްލަ 12,460 ނޯޓިކަލް މޭލު (23,075.92 ކިލޯމީޓަރު) ގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ. މިއާއެކު، 2005 ވަނަ އަހަރު ބޮއިންގް 777-200LR މަރުކާގެ ބޯޓަކުން ހަދާފައިވާ ދުނިޔޭގެ ރެކޯޑު މިހާރު ވަނީ މުގުރާލެވިފައެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހަފުތާ ބަންދު ހޭދަކުރުމަށްފަހު، މި ޓެސްޓް ފްލައިޓް ނައްޓާލާފައިވަނީ ޖުލައި މަހުގެ 27 ވީ އާދީއްތަ ދުވަހު ޔޫޓީސީން 07:28 ގައެވެ. އަދި 24 ގަޑިއިރާއި 24 މިނެޓަށް ފަހު، ޖުލައި 28 ވީ ހޯމަ ދުވަހު ޔޫޓީސީން 07:52 ގައި ބޯޓު ޖައްސާފައިވަނީ ފްރާންސްގެ ޓުލޫޒްގައި ހުންނަ އެއާބަސްގެ މައި މަރުކަޒަށެވެ. މި ދެ ސިޓީގެ ދެމެދުގައި އާންމުކޮށް ހުންނަ އެންމެ ކުރު ރާސްތާއަކީ 16,888 ކިލޯމީޓަރު ކަމުގައި ވިޔަސް، މި ދަތުރުގައި ބޯޓު ވަނީ އިތުރު ސަރަހައްދުތަކަށް ދަތުރުކޮށް ދިގު ރާސްތާއެއް ފުރިހަމަކޮށްފައެވެ.

މި ބޯޓަކީ އޮސްޓްރޭލިއާގެ ގައުމީ އެއާލައިން ކުއާންޓަސް ގެ "ޕްރޮޖެކްޓް ސަންރައިޒް" އަށް ޚާއްސަކޮށްގެން އެއާބަސް އިން ފަރުމާކޮށްފައިވާ ދުރު ރާސްތާގެ ބޯޓެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ސިޑްނީ އާއި ލަންޑަން އަދި ނިއުޔޯކް ފަދަ މަންޒިލްތަކަށް ނޮން-ސްޓޮޕްކޮށް ދަތުރުކުރުމެވެ. މި އުޅަނދުގެ ރަސްމީ ވިޔަފާރި ދަތުރުތައް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، އެއާބަސް އިން މި ދަތުރު ކުރިއަށް ގެންދިޔައީ ބޯޓުގެ ދުރު ދަތުރުތަކުގެ ގާބިލުކަން ސާބިތުކޮށް، ސެޓްފިކޭޝަން ހޯދުމުގެ ޓެސްޓްތަކުގެ ތެރެއިންނެވެ.

ދަތުރުގެ މުހިންމު ބައެއް ތަފާސްހިސާބުތައް:

ދަތުރުކުރި ޖުމްލަ ދުރުމިން: 12,460 ނޯޓިކަލް މޭލު (23,075.92 ކިލޯމީޓަރު)
ދަތުރުގެ މުއްދަތު: 24 ގަޑިއިރު، 24 މިނެޓު
އެންމެ މަތިން އުދުހުނު އުސްމިން: 41,000 ފޫޓު
އެންމެ ބާރުމިން: ގަޑިއަކު 662 ނޮޓްސް
ހުރަސްކުރި ބައްރުތަކާއި ކަނޑުތައް: 3 ބައްރު، 2 ކަނޑު
އިރުއޮއްސުމާއި އިރުއެރުން: 2 ފަހަރު އިރުއޮއްސި، 2 ފަހަރު އިރުއެރި
ހުރަސްކުރި ޓައިމްޒޯނާއި އެއާ ޓްރެފިކް ރީޖަން (FIR): 17 ޓައިމްޒޯން އަދި 19 އެފް.އައި.އާރު

މީގެއިތުރުން، މި ދަތުރަކީ ފްލައިޓްރާޑާ24 މެދުވެރިކޮށް ތާރީޚުގައި ވެސް ދެވަނައަށް އެންމެ ގިނަ ބަޔަކު ލައިވްކޮށް ބެލި ދަތުރެވެ. މި ދަތުރު ޖުމްލަ 3,652,947 މީހުން ޓްރެކްކޮށްފައިވާއިރު، މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ފަހު ދަތުރުފުޅެވެ.

މެލްބަން އިން ފުރައިގެން ދަތުރުކުރިއިރު، "ޕްރޮޖެކްޓް ސަންރައިޒް" ގެ މައިގަނޑު މަރުކަޒު ކަމުގައިވާ ސިޑްނީ އެއާޕޯޓުގެ މަތިން ވެސް މި ބޯޓު ވަނީ އުދުހި، 23 ގަޑިއިރަށް ވުރެ ގިނައިރު މެދުކެނޑުމެއްނެތި އުދުހުމުގެ ގާބިލުކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450