ދުނިޔެ
ޣައްޒާ، ސޫރިޔާ އަދި ލުބުނާނުގެ ހަމަޖެހުމަށް ތުރުކީން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އުރުދުޣާން ދެއްވައިފި
ރަޖަބް ޠައްޔިބް އޮރްދުޣާން
މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ތުރުކީވިލާތުން އަބަދުވެސް އަވަށްޓެރި ގައުމުތަކާއެކު ދެމިއޮންނާނެ ކަމަށާއި، ހާއްސަކޮށް ސޫރިޔާ، ޣައްޒާ އަދި ލުބުނާނުގެ ހަމަޖެހުމަށް އެއްބާރުލުން ދިނުމުގައި ފަސްނުޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާ އެރެބިކްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް އުރުދުޣާން ވިދާޅުވީ، ސޫރިޔާގެ ކުރީގެ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގައި ސުލްހަ ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ތުރުކީން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ސޫރިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރާވަމުންދާ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނާއެކު ދާދިފަހުން ސޮއިކުރެވުނު ގުޅިފައިވާ ދިފާއީ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ އިއްތިހާދުގެ ތެރެއަށް މިސްރު ވެސް ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އުރުދުޣާން ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމަކީ އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަލަސްތީނުގެ ޣައްޒާގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ވިދާޅުވެ އުރުދުޣާން ވަނީ އިޒްރޭލަށް ފާޑުވިދާޅުވެފައެވެ. އަދި ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މި ކަންބޮޑުވުންތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.