ދުނިޔެ
އިންޑޮނޭޝިޔާއަށް އައި ބިންހެލުން: މަރުވި މީހުންގެ ޢަދަދު 51 އަރައިފި
ބިންހެލުމުގެ ސަބަބުން އަނިޔާވި މީހުންނަށް ފަރުވާދެނީ.
އިންޑޮނޭޝިޔާގެ އިރުމައްޗަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު މަދުވެގެން 51 އަށް އަރައި، 5،000 އެއްހާ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން ޖެހިއްޖެއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންދުވެފައިވާ މަގުތައް ހުޅުވުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ ފްލޯރެސް އައިލެންޑްގެ އެންޑޭ ސިޓީގެ އުތުރު-އުތުރުހުޅަނގުން ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރަށް، އަދި ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާ ގުޅިގެން ފަހުން 341 ކުދި ބިންހެލުން ނުވަތަ އާފްޓަރޝޮކް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ފަހަކަށް އައިސް އިންޑޮނޭޝިޔާއަށް އައި އެންމެ ނުރައްކާތެރި އެއް ބިންހެލުމެވެ.
އިންޑޮނޭޝިޔާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ބެންޖަމިން ޕައުލަސް އޮކްޓަވިއަނަސް ވިދާޅުވި ގޮތުގައި، މި ހާދިސާގައި 36 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާއިރު، އިތުރު 77 މީހަކަށް އެކިވަރުގެ ކުދި އަނިޔާތައް ވަނީ ލިބިފައެވެ. ސިއްކާ ރީޖަންގެ 3،300 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ކުޅިވަރު އެރީނާއެއްގައި ހިޔާވަހިކަން ހޯދަމުންދާއިރު، ގިނަ ބަޔަކު ދަނީ އާފްޓަރޝޮކްތަކުގެ ބިރަށް މަގުމަތީގައާއި ޓެންޓުތަކުގައި ނިދަމުންނެވެ.
އިންޑޮނޭޝިޔާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) ގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސުހަރިޔަންތޯ ވިދާޅުވީ، ބިންހެލުމުގައި 157 ގެއެއް އެއްކޮށް ހަލާކުވެ، 200 އެއްހާ ގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މުޅި ޖުމްލަ 1،300 އަށް ވުރެ ގިނަ ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން 20 ޕެޓްރޯލް ޝެޑް ވަނީ ބަންދުކޮށްފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް 3 ހެލިކޮޕްޓަރާއި ރެސްކިއު އުޅަނދެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖާޔާ ވިދާޅުވި ގޮތުގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާއާއި ފުލުހުންގެ 3،500 އަށް ވުރެ ގިނަ އޮފިސަރުން ވަނީ ނެރެފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އީސްޓް ނޫސާ ތެންގާރާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާމެދު ވިސްނަމުންނެވެ. ބިންހެލުމާ ގުޅިގެން ދިން ސުނާމީގެ އިންޒާރު މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.