ކޮލަމް
ފްލެކްސް ސީޑާއި އަންހެނުންގެ ޞިއްޙަތު
ފްލެކްސް ސީޑްސް
ފްލެކްސް ސީޑްސް އަކީ ދުނިޔޭގައި އެންމެ ދުވަސްވީ އެއް ގަހުގެ އޮށެވެ.
މިއީ އާންމުކޮށް 30 އާއި 90 ސެންޓިމީޓަރާ ދެމެދުގެ އުސްމިނަކަށް ހެދޭ ގަހެއް ކަމަށްވާއިރު، މީގެ އޮށްތައް ހުންނަނީ ފަތާ، ބިސް ބުރަށް އަދި ގަދަ ރީނދޫ ކުލައެއްގައެވެ. ފްލެކްސް އޮށްތައް ފުށުގެ ގޮތުގައާއި، މުގުރައިގެންނާއި، އެއްކޮށް އަދި އޭގެ ތެޔޮ ކެޕްސޫލް ނުވަތަ ދިޔާ އެއްޗެއްގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ.
އަންހެނުންނަށް ލިބޭ ޞިއްޙީ ފައިދާތައް
ފްލެކްސް ސީޑަކީ އަންހެނުންނަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކައެވެ. 2017 ވަނަ އަހަރު ޖާނަލް އޮފް އެޑިޔުކޭޝަން އެންޑް ހެލްތް ޕްރޮމޯޝަން ގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މައްސަރު ކަންތައް ދިމާވުމުން އުރަމައްޗަށް ވާ ތަދު ކުޑަކުރުމަށް 30 ގްރާމްގެ މުގުރި ފްލެކްސް ސީޑް ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ލިބެއެވެ.
މީގެއިތުރުން، އުރަމަތީގެ ކެންސަރު ޓިއުމަރުތައް އުފެދުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމަށް ލެބޯޓްރީ ދިރާސާއަކުން ދެއްކި ނަމަވެސް، ހޯމޯންއާ ގުޅުންހުރި ކެންސަރުގެ ވައްތަރުތައް ހުންނަ މީހުން މިއިން ދުރުހެލިވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
އުމުރުން ދުވަސްވުމުން މައްސަރު ކަންތައް ހުއްޓޭ ދުވަސްވަރު (މެނޮޕޯޒް) ގައި ކުރިމަތިވާ ހޫނުވުމުގެ އިހުސާސްތައް ކުޑަކުރުމަށް ވެސް ފްލެކްސް ސީޑް އެހީތެރިވެދޭ ކަމަށް ބައެއް ދިރާސާތަކުން ބުނެއެވެ. އަދި 2007 ގައި ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ އަންހެނުންގެ އެންޑްރޯޖަން ލެވެލް ދަށްކޮށް، ހަށިގަނޑުގައި އިތުރަށް އިސްތަށި ފެޅުން މަދުކުރުމަށް ވެސް މިއީ އެހީތެރިވެދާނެ އެއްޗެކެވެ. ނަމަވެސް މިކަންކަން އިތުރަށް ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.
ފްލެކްސް ސީޑަކީ ބޮޑެތި މީހުންނަށް އާންމުކޮށް ރައްކާތެރި އެއްޗެއް ނަމަވެސް، ބަނޑުފުފުމާއި، ގޭސްވުމާއި، އަދި ބަނޑުހިކުން ފަދަ ހަޖަމުގެ މައްސަލަތައް ކުރިމަތިވެދާނެތީ މިއާއެކު ގިނައިން ފެން ބުއިން މުހިންމެވެ. ރޯ ނުވަތަ ނުކެކޭ އޮށްތައް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ޚާއްޞަކޮށް މާބަނޑު މީހުންނާއި، ގާތުން ކިރުދޭ މައިން ފްލެކްސް ސީޑްސް ބޭނުންކުރުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވެއެވެ. އަދި އުރަމަތީގެ ކެންސަރާއި، ރަހިމުގެ ކެންސަރާއި، އޯވަރީގެ ކެންސަރު ފަދަ ހޯމޯންއާ ގުޅުންހުރި ބަލިތައް ހުންނަ އަންހެނުން ވެސް މި ބޭނުންކުރުމުގައި ރައްކާތެރިވާން ޖެހެއެވެ.