ދުނިޔެ
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ އައު އައުޓްޕޯސްޓެއް ހަދަން އިސްރާއީލު ވަޒަންވެރިން ޓެންޓުތަކެއް ޖަހައިފި
އިސްރާއިލް ސިފައިންގެ މީހެއް ސެކިޔުރިޓީ ބަލަހައްޓަނީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި ޣައިރުޤާނޫނީ އައު އައުޓްޕޯސްޓެއް (ވަޒަންވެރިންގެ އައު މަރުކަޒެއް) ޤާއިމުކުރުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ޓެންޓުތަކެއް ޖަހައިފިއެވެ.
މީގެ އިތުރުން ވަޒަންވެރިންގެ ވަކި ގްރޫޕުތަކަކުން ޤުސްރާ އަވަށުގެ ތިން ޢާއިލާއެއްގެ ގެތައް ހިސާރުކޮށްގެން އުޅޭތާ ހަފުތާއެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާމަﷲ ގެ ހުޅަނގު އުތުރުން އޮންނަ އުއްމު ޞަފާ އަވަށުގެ ވާދީ ޒައިތޫން ސަރަޙައްދުގައި އާދީއްތަ ދުވަހު ވަޒަންވެރިން ޓެންޓު ޖަހާފައިވަނީ އައު އައުޓްޕޯސްޓެއް ހެދުމަށެވެ. މީގެ އިތުރުން ބުރުޤާ އަވަށުގައިވެސް ވަކި އައުޓްޕޯސްޓެއް އެޅުމުގެ މަސައްކަތް ވަޒަންވެރިން ފަށާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. މި އައު މަރުކަޒުތަކާއެކު އެ ދެ އަވަށުގެ ވަށައިގެންވާ މިފަދަ ޣައިރުޤާނޫނީ އައުޓްޕޯސްޓުތަކުގެ ޢަދަދު ހަޔަކަށް އަރާނެއެވެ. ރިޕޯޓުތައް ބުނާގޮތުން އުއްމު ޞަފާގެ ބިމުގެ ބޮޑުބަޔަކާއި ބުރުޤާގެ ބިމުން ގާތްގަނޑަކަށް 10,000 ދޫނަމްގެ ބިން މިހާރުވެސް ވަނީ ވަޒަންވެރިން ފޭރިގެންފައެވެ.
ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ވަޒަންވެރިންގެ ޙަމަލާތައް ވަރުގަދަވެފައިވާއިރު، ނާބުލުސްގެ އުތުރުން އޮންނަ ބައިތު އިމްރީންގައި ހުރި ފަލަސްޠީނު ޢާއިލާއެއްގެ ގެއަކަށް ވަޒަންވެރިން ވަދެގަނެ މީހުން ހިފަހައްޓާފައިވެއެވެ. އޭގެ ފަހުން އިސްރާއީލު ސިފައިން އެ ގެއަށް އައިސް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، ރެޑް ކްރެސެންޓްގެ އެމްބިއުލާންސްތަކާއި މެޑިކަލް ވެހިކަލްތަކުގެ ތަޅުދަނޑިތައްވެސް ސިފައިން ވަނީ އަތުލާފައެވެ. އަދި ހެބްރޮންގެ އަލް-ޖަޢުބަރީ ސަރަޙައްދުގައި ދިން ޙަމަލާތަކުގައި ބަޑީގެ ވަޒަން އަރައިގެން ބައެއް ފަލަސްޠީނު މީހުން ވަނީ ޒަޚަމްވެފައެވެ.
އދ. ގެ ޚާއްޞަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒީ ވިދާޅުވީ، އިސްރާއީލުން ވަޒަންވެރިން ބޭނުންކުރަނީ ނަސްލު ނައްތާލުމުގެ (އެތްނިކް ކްލެންސިންގ) އެޖެންޑާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށާއި މި ވަޒަންވެރިންގެ މައްސަލަތައް ތަޙުޤީޤުކޮށް ޝަރީޢަތް ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން މި މަސައްކަތް ކުރަނީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް މެދުވެރިކޮށް 1948 ގެ ނަކްބާ ކުރިއަށް ގެންދިއުމަށް،" އަލްބަނީޒީ ފާހަގަކުރެއްވިއެވެ.
ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ ބަރުޣޫޘީ ވިދާޅުވީ ވަޒަންވެރިން ދުވާލަކު އެވްރެޖުކޮށް 30 ޙަމަލާ ދެމުންދާ ކަމަށާއި އެމީހުންގެ މަޤްޞަދަކީ ބިންތައް ފޭރިގަނެ ފަލަސްޠީނު ރައްޔިތުން އެ ސަރަޙައްދުން ބޭރުކުރުން ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ޣައިރުޤާނޫނީ ތަންތަން ކަމަށް އދ. އިން ކަނޑައަޅާފައިވާއިރު، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން މިފަދަ އަނިޔާވެރި ޢަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.