ދުނިޔެ

ޣައްޒާގައި ކޮންމެ ރެއަކު 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ޝަހީދުކުރުމަށް އިސްރާއީލުގެ މިނިސްޓަރު ގޮވާލައިފި

ޣައްޒާގައި ކޮންމެ ރެއަކު 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ޝަހީދުކުރުމަށް އިސްރާއީލުގެ މިނިސްޓަރު ގޮވާލައިފި

އިސްރާއީލުގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 01:48

17 އޯގަސްޓު 2026، 01:48

އިސްރާއީލުގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ޣައްޒާއިން ކޮންމެ ރެއަކު 30 ނުވަތަ 40 މީހުން ޝަހީދުކުރުމަށް އިސްރާއީލުގެ ސިފައިންނަށް ގޮވާލައިފިއެވެ. 

އޭނާ ބުނެފައިވަނީ އެ ވަގުތަކު ނުރައްކަލެއް ކުރިމަތިކުރާ މީހުންގެ އިތުރުން އެހެން މީހުން ވެސް މަރަން ޖެހޭނެ ކަމަށެވެ.

މި ވާހަކަތައް ބެން-ގްވީރު ހާމަކޮށްފައިވަނީ ޣައްޒާގައި ކުރިން ހައްޔަރުކޮށްފައި ހުރި އިސްރާއީލު މީހެއް ކަމަށްވާ ރޮމް ބްރަސްލަވްސްކީ އާއެކު ބޭއްވި ޕޮޑްކާސްޓެއްގައެވެ. މި ޕޮޑްކާސްޓް އާންމުވުމާއެކު ފަލަސްތީނުގެ މީޑިއާތަކުގައި ވަނީ ވަރަށް ބޮޑަށް ދައުރުވާން ފަށައިފައެވެ. ބެން-ގްވީރު ބުނެފައިވަނީ، އެތަނުގައި ދިރިއުޅުމުގެ ހައްގު ނެތް މީހުން އެބަތިބި ކަމަށާއި އެމީހުން ދިރިތިބެގެން ނުވާނެ ކަމަށެވެ. އަދި އެއީ އިންސާނުންނެއް ވެސް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމާ ދެކޮޅަށް އަދި ފަލަސްތީނު މީހުން ބޭރުކުރުމަށް ގޮވާލުން
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް ދޭ ހަމަލާތައް މަދުކުރުމަށް ނިންމި ނިންމުމާ ދެކޮޅުކަން ހާމަކޮށް ބެން-ގްވީރު ބުނީ، ވަކިވަކި މީހުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް އަލުން ފަށަންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ދޫކޮށް ދިއުމަށް ބާރުއެޅުމަށާއި، ޣައްޒާގައި އަލުން ޔަހޫދީ އާބާދީތައް ގާއިމުކުރުމަށް ވެސް އޭނާ ގޮވާލިއެވެ. އޭނާ ވަނީ "މުޅި ޣައްޒާއަކީ އަހަރެމެންގެ ތަނެއް" ކަމަށް ބުނެފައެވެ.

ބެން-ގްވީރަކީ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުގައި ހިމެނޭ އަދި ފުލުހުންނާއި ޖަލުތަކުގެ ކަންކަން ބަލަހައްޓާ މިނިސްޓަރެވެ. މީގެ އިތުރުން، އިސްރާއީލުގެ އަސްކަރީ ކޯޓުތަކުން މަރުގެ އަދަބު ކަނޑައަޅާ ފަލަސްތީނު ކުށްވެރިން މެރުމުގައި ބްރަސްލަވްސްކީ އަމިއްލައަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ވެސް ބެން-ގްވީރު ވަނީ ވައުދުވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލި ފަހުން ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން 1,250 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ބެން-ގްވީރުގެ މިފަދަ ހައްދުފަހަނައެޅި ބަސްމަގުގެ ސަބަބުން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވީ ނަމަވެސް، އޭނާގެ މި އަމަލުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450