ދުނިޔެ
"ވިޓިލިގޯ" އަށް ބޭނުންކުރާ ބޭހަށް ހުއްދަ ދިން ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ޔޫއޭއީ
"ވިޓިލިގޯ" އަށް ބޭނުންކުރާ ބޭހަށް ހުއްދަ ދިން ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ޔޫއޭއީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހުދުބަލި ނުވަތަ ވިޓިލިގޯ އަށް ފަރުވާ ދިނުމަށް ކާ ބޭހެއް ކަމަށްވާ "ރިންވޮކް" ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ. މިއާއެކު މި ބޭހަށް ހުއްދަ ދިން ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ޔޫއޭއީ ވަނީ ވެފައެވެ.
އެމިރޭޓްސް ޑްރަގް އެސްޓެބްލިޝްމަންޓް (އީޑީއީ) އިން ހޯމަ ދުވަހު އިޢުލާންކުރި ގޮތުގައި، "ރިންވޮކް" (އުޕަޑަސިޓިނިބް) ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ފެންނަ "ނޮން-ސެގްމެންޓަލް ވިޓިލިގޯ" އަށެވެ. މިއީ ލޭގެ ތެރެއަށް ދައުރުވާ ބޭސްތަކުން ސިސްޓަމިކް ތެރަޕީ ބޭނުންވާ ބަލިމީހުންނަށް ދެވޭނެ ފަރުވާއެކެވެ. މިއީ މިފަދަ ބަލިމީހުންނަށް ދުނިޔޭގައި ވެސް ލައިސަންސް ދެވުނު ފުރަތަމަ ބޭހެވެ.
ދުވާލަކު އެއް ފަހަރު ބޭނުންކުރާ މި ބޭހަކީ، ކަނޑައެޅިފައިވާ ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް ބަލިމީހުންނަށް ލިބިގެންދާ އިތުރު ފަރުވާއެކެވެ. ޔޫއޭއީގެ އޮފިޝަލުން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ކުރިން މި ބޭހަށް ހުއްދަ ދިނުމުން ދޭހަވަނީ، ބޭސްވެރިކަމުގެ އައު އީޖާދުތައް ތަޢާރަފުކުރުމުގައި ޔޫއޭއީ އޮތް ކުރިއަރާފައިވާ ދަރަޖަކަމަށެވެ. އަދި ހަމުގެ ކުލައަށް އެއްވެސް ބަދަލެއް އަންނަނަމަ، ވީހާވެސް އަވަހަކަށް ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އީޑީއީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ވިޓިލިގޯ ނުވަތަ ހުދު ބައްޔަކީ ކޮބާ؟
ވިޓިލިގޯއަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އަންނަ ބަދަލަކުން ހަމުގެ އަސްލު ކުލަ ގެއްލި، ހުދު ލައްތަކެއް ޖަހާ ބައްޔެކެވެ. މިއީ ދިފާޢީ ނިޒާމުން އޮޅުމަކުން ހަމުގެ ކުލަ އުފައްދައިދޭ ސެލްތައް ކަމަށްވާ މެލަނޮސައިޓްސް ހަލާކުކޮށްލުމުން ދިމާވާ ކަމެކެވެ.
ޑޮކްޓަރުން މި ބަލި ދެ ބަޔަކަށް ބަހައެވެ:
ނޮން-ސެގްމެންޓަލް ވިޓިލިގޯ: މިއީ އެންމެ ޢާންމު ވައްތަރެވެ. މި ވައްތަރުގައި ހަށިގަނޑުގެ ދެފަރާތުގައި އެއްވަރަކަށް، ޚާއްޞަކޮށް މޫނާއި، ކަރާއި، ބޮލުގެ ނާށިގަނޑާއި، އަތްތިލައިގައި ލައްތައް ޖަހައި މަޑުމަޑުން ފެތުރެއެވެ.
ސެގްމެންޓަލް ވިޓިލިގޯ: މިއީ ގާތްގަނޑަކަށް 10 އިންސައްތަ މީހުންގެ ކިބައިން ފެންނަ ވައްތަރެކެވެ. މި ވައްތަރުގައި ލައްތައް ހުންނަނީ ހަށިގަނޑުގެ އެއް ފަޅީގައެވެ.
މުޅި ދުނިޔޭގެ އާބާދީގެ 0.5 އިންސައްތައާއި 1 އިންސައްތައާ ދެމެދުގެ މީހުންނަށް މި ބަލި ޖެހެއެވެ. ކޮންމެ އުމުރެއްގައި ވެސް މި ބަލި ޖެހިދާނެ ނަމަވެސް، ޢާންމުކޮށް ފެންނަން ފަށަނީ އުމުރުން 20 ގެ އަހަރުތަކުގައެވެ.
ދުނިޔޭގެ ވިޓިލިގޯ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަހެވެ. މި ތާރީޚު ޚާއްޞަކުރެވުނީ މި ބަލި ތަޙައްމަލުކުރި މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން 2009 ވަނަ އަހަރުގެ އެ ދުވަހު މަރުވުމާ ގުޅިގެންނެވެ. ޖިސްމާނީ ގޮތުން ދިމާވާ ކަންކަމުގެ އިތުރުން، މި ބަލީގެ ސަބަބުން ނަފްސާނީ ގޮތުން މީހުންނަށް ބޮޑެތި އަސަރުތަކެއް ކުރާތީ، ހޭލުންތެރިކަން އިތުރުކުރުމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޞިއްޙީ ފަރުވާ ފަދައިން މުހިންމު ކަމެކެވެ.