ކޮލަމް

ހާސްވުމާއި ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް

ހާސްވުމާއި ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް

ހާސްވުމާއި ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތަކަށް ބަދަލުއާދޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 05:03

17 އޯގަސްޓު 2026، 05:03

އިންސާނާގެ ހަށިގަނޑުގެ ހަރަކާތްތަކާއި މޫނުމަތީގެ ކުލަވަރުތަކަކީ އެމީހެއްގެ ހިތުގައިވާ ޝުއޫރުތަކާއި އިހުސާސްތައް ދެނެގަތުމަށް އެހީތެރިވެދޭ މުހިންމު ކަންކަމެވެ.

 މީގެ ތެރޭގައި ބިރުގަތުމާއި، ހާސްވުމާއި، ސްޓްރެސްގެ އިތުރުން އެހެނިހެން ޖަޒުބާތުތައް ވެސް ހިމެނެއެވެ. ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ބަސްމަގަށް ނުވަތަ ބޮޑީ ލެންގުއޭޖަށް ގިނަ ބަދަލުތަކެއް އަންނަކަން ދިރާސާތަކުން ދައްކައެވެ.

ސްޓްރެސްގެ މުހިންމު ބައެއް އަލާމާތްތައް
ސްޓްރެސްވުމުން ފެންނަ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި އަތުގެ އިނގިލިތައް ބިންދައި އަޑުގޮއްވުން ހިމެނެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި 54 އިންސައްތަ މީހުން ހާސްކަމާއި ސްޓްރެސް ފިލުވުމަށް މި އާދަ ބޭނުންކުރެއެވެ. މީގެ އިތުރުން ދެއަތް މޭމަތީގައި ބަނދެލުމަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށާއި އެކަހެރިވުމުގެ އިހުސާސް ގެނެސްދޭ، އަދި ސްޓްރެސްގެ ވަގުތުތަކުގައި ފެންނަ އަވަސް ރިއެކްޝަނެކެވެ. ނިޔަފަތި ކެއުމަކީ ވެސް ސްޓްރެސްގެ އަލާމާތެއް ކަމަށްވާއިރު، މިއީ ދަތްކުރަމޮށުމާއި އިސްތަށި އުފުރުން ފަދަ ނުރަނގަޅު އާދަތަކަށް މަގުފަހިކުރާ ކަމެކެވެ.

އެހެން މީހުންގެ ލޮލަށް ސީދާ ނުބެލުމާއި، އެކި ދިމަދިމާއަށް ބެލުމަކީ ހަގީގީ އިހުސާސްތައް ފޮރުވުމަށް ކުރާ ކަމެކެވެ. އަދި ހަށިގަނޑުގައި އެޑްރެނަލިން ގިނަވުމުގެ ސަބަބުން ހަށިގަނޑު ތުރުތުރުއެޅުމާއި، އަޑު ތުރުތުރުއެޅުން ނުވަތަ ވާހަކަދެއްކުމުގެ ސްޕީޑް އަވަސްވުން، މޫނު ރަތްވުން، މާބޮޑަށް ދާހިއްލުން، އަދި އެއްފަރާތަކަށް ހަށިގަނޑު އަރިކުރުން ފަދަ ކަންކަން ވެސް މެދުވެރިވެއެވެ. ހަމައެއާއެކު ފިޖެޓްވުން ނުވަތަ އަތްފައިން އެކި ކަހަލަ ނުތަނަވަސް ހަރަކާތްތައް ކުރުމާއި ލޯޖަހާ މިންވަރު އިތުރުވުން ވެސް ހިމެނެއެވެ.

ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް ދެވިދާނެ ސަމާލުކަން
ސްޓްރެސްވާ ހާލަތްތަކުގައި ބޮޑީ ލެންގުއޭޖް ރަނގަޅު ގޮތުގައި ބެހެއްޓުމަށްޓަކައި އެހެން މީހުންނާ ވާހަކަދައްކާއިރު ލޮލަށް ބެލުމާއި، ނުތަނަވަސް ހަރަކާތްތަކުން ދުރުހެލިވުން މުހިންމެވެ. މީހުން ވާހަކަދައްކާއިރު އަޑުއަހާކަން ހާމަކުރުމަށް ބޯޖަހާލުމާއި، އެކަށީގެންވާ ވަގުތުގައި ހިނިތުންވުން، އަދި އިސްދަށަށް ނުޖަހައި ސީދާ ކޮޅަށް ހުރުން މުހިންމެވެ. މީގެ އިތުރުން ދެއަތް މޭމަތީގައި ބަނދެގެން ނުހުރުމަށާއި، ބެލެންސް ހިނގުމަކުން ހިނގުމަށް ސަމާލުކަން ދެވިދާނެއެވެ.

ބޮޑީ ލެންގުއޭޖަށް އަސަރުކުރާ އެހެނިހެން ސަބަބުތައް
ހަށިގަނޑުގެ ހަރަކާތްތަކަށް ތަފާތު އެކި ކަންކަމުގެ އަސަރު ފޯރައެވެ. މީގެ ތެރޭގައި ސަގާފީ ތަފާތުތައް ހިމެނެއެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުގައި ލޮލަށް ބަލައިގެން ވާހަކަދެއްކުމަކީ ސަމާލުކަން ދިނުން ކަމުގައި ބެލެވުނަސް، އިރުމަތީގެ ގައުމުތަކުގައި ގިނައިރު ލޮލަށް ބެލުމުން ދުރުހެލިވެއެވެ. މީގެ އިތުރުން ނަފްސާނީ ހާލަތްތަކާއި ސިކުނޑީގެ ތަރައްގީއާ ގުޅުންހުރި ތަފާތުތަކުގެ ސަބަބުން ވެސް މިފަދަ ހަރަކާތްތަކަށް ބަދަލު އާދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450