ދުނިޔެ
އިންޑޮނޭޝިއާގެ އެންޓީޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފި
އިންޑޮނޭޝިއާއަށް އައި ބިންހެލުން. ފޮޓ
އިންޑޮނޭޝިއާގެ އީސްޓް ނޫސާ ތެންގާރާ (އެންޓީޓީ) ޕްރޮވިންސަށް އައި ރެކްޓާ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާތަނަށް 68 މީހުން މަރުވެފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް އެ ޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ހޯމަ ދުވަހު ހާމަކޮށްފިއެވެ.
އަދިވެސް ރެސްކިއު ޓީމުތަކުން ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) ގެ ޑިޒާސްޓާ ޑޭޓާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑިވިޝަންގެ އެކްޓިންގ ހެޑް ބަރޓަން އެސްޕީ ޕަންޖައިތަން ޖަކާޓާގައި ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "މިހާތަނަށް 68 މީހުން މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވޭ" ކަމަށެވެ.
މަރުވި މީހުން ރެކޯޑުކުރެވިފައިވަނީ ހަތް ޑިސްޓްރިކްޓަކުންނެވެ. އޭގެ ތެރޭގައި މަންގަރާއި އިން 26 މީހުން، އީސްޓް މަންގަރާއި އިން 24 މީހުން، ނަގެކެއޯ އިން 8 މީހުން، ސިއްކާ އިން 4 މީހުން، އަދި އެންޑޭ، ވެސްޓް މަންގަރާއި އަދި ންގަދާ އިން ކޮންމެ ތަނަކުން 2 މީހުން ހިމެނެއެވެ. މީގެއިތުރުން، މި ހާދިސާގައި 213 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ބީއެންޕީބީން ރިޕޯޓުކޮށްފައިވެއެވެ.
މި ބިންހެލުމަށްފަހު އަންނަ ލޮޅުންތައް (އާފްޓަރޝޮކްސް) ވެސް ދަނީ ތަކުރާރުވަމުންނެވެ. އެގޮތުން 1،576 އާފްޓަރޝޮކް ރެކޯޑު ކުރެވިފައިވާއިރު، މީގެ ތެރޭގައި 6.21 ގެ ބާރުމިނުގައި އައި ބިންހެލުމަކާއި އިތުރު ފާހަގަކޮށްލެވޭ ތިން ލޮޅުމެއް ހިމެނޭ ކަމަށް ޕަންޖައިތަން ވިދާޅުވިއެވެ. އަދި ބާކީ 1،500 އަށްވުރެ ގިނަ ލޮޅުންތަކަކީ އިހުސާސް ނުކުރެވޭހާ ދަށް ބާރުމިނެއްގެ ލޮޅުންތަކެކެވެ.
ހޮނިހިރު ދުވަހު އެންޓީޓީގެ ފްލޯރެސް ސަރަޙައްދަށް އައި މި ބިންހެލުމާ ގުޅިގެން ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމާއި އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އިސްކަންދީފައެވެ. ކޯޑިނޭޓިންގ މިނިސްޓަރ ފޮރ ހިއުމަން ޑިވެލޮޕްމަންޓް އެންޑް ކަލްޗަރަލް އެފެއާޒް ޕްރަޓިކްނޯ ވިދާޅުވީ، ގެއްލުންތައް ވަޒަންކުރުމަށާއި އެހީތެރިކަން ވިލަރެސްކުރުމަށް ސަރުކާރުގެ ވަޒީރުންނާއި އޮފިޝަލުން ހާދިސާ ހިނގި ފުރަތަމަ ދުވަހުން ފެށިގެން އެ ޕްރޮވިންސްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.