ދުނިޔެ
ހަމާސްއިން ހަތިޔާރު ނުބަހައްޓަނީސް ޣައްޒާ އަލުން އާރާސްތުކުރަން ފުރުސަތު ނުދޭނަން: ކުޝްނާ
އިސްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޣައްޒާގެ ސަރަހައްދެއް
ހަމާސް ޖަމާއަތުން ހަތިޔާރު ނުބަހައްޓަނީސް، އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނުދޭނެ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ޖެރެޑް ކުޝްނާ ބުނެފިއެވެ.
ޓްރަމްޕްގެ ދަނބިދަރި ކުޝްނާ މި ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށްފައިވީ ނަމަވެސް، ޣައްޒާގެ ރޯޑްމެޕް ތަންފީޒުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކުޝްނާ ބުނީ ޣައްޒާ އަލުން އާރާސްތުކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ހަތިޔާރު އެއްކޮށް ނައްތާލުމުން ކަމަށެވެ. އަދި އަނެއްކާވެސް ޓެރަރިސްޓުންގެ އަތްދަށަށްދާނެ ނުވަތަ ބޮންއަޅައި ހަލާކުކޮށްލާނެ ތަނަކަށް އިތުރަށް ފައިސާ ހަރަދުކުރަން އެއްވެސް ބަޔަކު ބޭނުންނުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
އެމެރިކާއިން ތާއީދުކުރާ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށާއި ހަމަލާތައް ހުއްޓާލުމުގެ ބަދަލެއްގެ ގޮތުގައި ހަތިޔާރު ބެހެއްޓުމަށް ހަމާސްއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިސްރާއީލުން މި ހުށަހެޅުން ގަބޫލުނުކޮށް ބުނެފައިވަނީ، ޣައްޒާއިން ހަތިޔާރު އެއްކޮށް ނައްތާނުލަނީސް އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ. ކުޝްނާގެ ވާހަކައިގައިވެސް އިސްރާއީލު ސިފައިން ފޭބުމުގެ ކުރިން ހަމާސްގެ ހަތިޔާރު އެއްކޮށް ނައްތާލަން ޖެހޭނެ ކަމަށް ބުނެ އިސްރާއީލުގެ ވިސްނުމަށް ވަނީ ތާއީދުކޮށްފައެވެ.
ކުޝްނާ އިތުރަށް ބުނީ ކުރިއަށް އޮތް 60 އިން 90 ދުވަހުގެ ތެރޭގައި ހަމާސްއިން ހަތިޔާރުތަކާއި ޓަނަލްތައް ހަވާލުކޮށްފިނަމަ، އެއީ އިސްރާއީލުގެ ސަލާމަތަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ހަމާސްއިން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެކަމަށް ފިޔަވަޅު އެޅުމުގައި އިސްރާއީލަށް އެމެރިކާއާއި އެހެން ގައުމުތަކުގެ އެއްބާރުލުން އިތުރަށް ލިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ. މި މައްސަލައިގައި ކުޝްނާ ވަނީ ހަމާސްގެ އޮފިޝަލުންނާވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73,399 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 1,265 މީހުން ޝަހީދުވެފައިވާއިރު، ރައީސް ޓްރަމްޕް ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފައެވެ.