ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އެކްސްޕޯޓު ކުރުމުގެ މަސައްކަތް ސައުދީން އަލުން ފަށައިފި
ހޮރްމޫޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓަރސް
ހޮރްމޫޒް ކަނޑުއޮޅީގެ އެތެރޭގައި ހިމެނޭ ބަނދަރުތަކުން ތެޔޮ ބަރުކޮށްގެން އެކްސްޕޯޓުކުރުމުގެ މަސައްކަތް ސައުދީ އަރަބިއްޔާއިން އަލުން ފަށައިފިއެވެ.
މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަން އިތުރުވެގެން ދިޔަ ދަނޑިވަޅުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސަޢުދީ އަރަބިއްޔާގެ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، އެ ގައުމުން ވަނީ ތެޔޮ ބޭރުކުރުން މެދުކަނޑާލާފައެވެ.
މި މެދުކެނޑުމަށްފަހު، ސައުދީގެ އަރާމްކޯ ކުންފުނިން މިހާރު ވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ އެތެރޭގެ ބަނދަރުތަކުން، އަލުން ތެޔޮ އެކްސްޕޯޓުކުރަން ފަށާފައެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ޤައުމު ކަމަށްވާ ސައުދީ އަރައްބިޔާއިން ވަނީ، އޭޝިއާއަށް، އެކުވެރި ޢަރަބި ޢިމާރާތުގެ ފުޖައިރާ ސަރަހައްދުން ތެޔޮ ބަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އެގޮތުން އެ ޤައުމުން ވަނީ، އޭޝިއާގެ ބައެއް ރިފައިނަރީތަކަށް އަރަބް މީޑިއަމް އަދި އަރަބް ހެވީ ގްރޭޑުގެ ތެޔޮ ގަތުމުގެ ފުރުސަތު ހުށަހަޅާފައެވެ.
ތެޔޮ އުފުލާ 3 ބޮޑު ކެރިއަރު ކަމަށްވާ މެލޭޝިއާ ޕްރޮސްޕެރިޓީ، އަލްޖީރިއާ ޕްރޮސްޕެރިޓީ އަދި ސިންގަޕޯ ޕްރޮސްޕެރިޓީއަށް، އޮގަސްޓް 12 އިން 16 އަށް ސައުދީގެ ޖުއައިމާ އަދި ރައުސު ތަނޫރް ޓާމިނަލްތަކުން ވަނީ، ކޮންމެ ބޯޓަކަށް 2 މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައެވެ.
މިއީ ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު އެ ބަނދަރުތަކުން ތެޔޮ ލޯޑުކުރިކަން ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މި މަހުގެ ފަހުކޮޅު ހުރްމުޒް ކަނޑުއޮޅީގެ އެތެރެއިން އިތުރު 6 ބޯޓަކަށް ސައުދީ ތެޔޮ ބަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވެއެވެ.
އެހެންނަމަވެސް، ރަތްކަނޑުގައި ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ސައުދީގެ ގިނަ ބަނދަރުތަކުން ތެޔޮ ބޭރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ތެރޭގައި ސިދީ ކްރީރު ބަނދަރުން އޭޝިއާ ސަރަޙައްދަށް ދުވާލަކު އެވްރެޖުކޮށް 670،000 ފީފާގެ ތެޔޮ ފޮނުވާނެ ކަމަށް ބެލެވެއެވެ. މިއީ ވޭތުވެދިޔަ 3 މަސްދުވަހު އެ ބަނދަރުން އޭޝިއާއަށް އެއްވެސް މިންވަރަކަށް ތެޔޮ ބަރުނުކުރުމަށްފަހު އައި ކުރިއެރުމެކެވެ.