ދުނިޔެ
ލުބުނާނަށް ފިލައިގެން ދިޔަ ސީރިޔާ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އަސްކަރީ ކޮމާންޑަރުން ހައްޔަރުކުރަނީ
ސީރިޔާގެ ކުރީގެ ސަރުކާރުގެ ބައެއް އިސްވެެރިން
ޑިސެމްބަރު 2024 ގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އަވަށްޓެރި ލުބުނާނަށް ފިލައިގެން ދިޔަ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އަސްކަރީ ކޮމާންޑަރުން ހައްޔަރުކޮށް، ސޫރިޔާއާ ހަވާލުކުރުމުގެ މަސައްކަތް ސޫރިޔާގެ އާ ސަރުކާރުން ފަށައިފިއެވެ.
މީގެ ކުރިން ހިޒްބުﷲ އާއި ލުބުނާނުގެ އަސްކަރިއްޔާއާ އޮތް ގުޅުންތަކުގެ ސަބަބުން އެ ގައުމުގައި ރައްކާތެރިކަން އޮތް ނަމަވެސް، މިހާރު އެ ހާލަތު ވަނީ މުޅިން ބަދަލުވެފައެވެ.
ސޫރިޔާގެ ޖަސްޓިސް މިނިސްޓަރުގެ އެހީތެރިޔާ ޖަޖް މުސްތަފާ އަލް-ގާސިމް ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ ޝަރުއީ އެއްބާރުލުން އިތުރުކޮށް، ކުރީގެ ވެރިކަމުގެ މެންބަރުން ހޯދައި، ޝަރުއީ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި އެމީހުން ސޫރިޔާއަށް އަނބުރާ ގެނައުމަށް" ކަމަށެވެ. އެގޮތުން 2011 ގައި ފެށުނު ހަނގުރާމައިގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކަށް އިންސާފު ހޯދުމަށް ސޫރިޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ބަދަލުގެ އެންމެ ބޮޑު އެއް ހެއްކަކީ، އަސަދުގެ އަސްކަރިއްޔާގެ ކުރީގެ މޭޖާ ޖެނެރަލެއް ކަމަށްވާ އާދިލް އީސާ ލުބުނާނުގައި ހައްޔަރުކޮށް، އޭނާ ސޫރިޔާއާ ހަވާލުކުރަން ލުބުނާނުގެ ޕްރޮސެކިއުޓަރުން ނިންމުމެވެ. މިއީ ސޫރިޔާގެ ކުރީގެ ވެރިކަމުގައި އަނިޔާވެރި އަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ އިސް ވެރިއަކު ލުބުނާނުން އަނބުރާ ސޫރިޔާއަށް ފޮނުވާލާ ފުރަތަމަ ފަހަރެވެ. މީގެއިތުރުން ވެރިކަން ވެއްޓުމަށްފަހު ފިލައިގެން ދިޔަ 200 އަށްވުރެ ގިނަ ސީނިއާ އޮފިސަރުން ހަވާލުކުރުމަށް ސޫރިޔާގެ އޮފިޝަލުން ވަނީ ލުބުނާނުގައި އެދިފައެވެ.
ދިމިޝްގުގެ ކޯޓަކުން މިދިޔަ ހަފުތާގައި ވަނީ ބައްޝާރުލް އަސަދާއި، އޭނާގެ ކޮއްކޯފުޅު މާހިރުލް އަސަދުގެ މައްޗަށް ޣައިރު ހާޒިރުގައި މަރުގެ އަދަބު ކަނޑައަޅާފައެވެ. އެ ބޭފުޅުން މިވަގުތު މޮސްކޯގައި ތިއްބެވި ނަމަވެސް، ލުބުނާނުގައި އަދިވެސް އެއާފޯސް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ޖަމީލް އަލް-ހަސަން ފަދަ ނުފޫޒުގަދަ ބޭފުޅުން ތިބި ކަމަށް ބެލެވެއެވެ.
ލުބުނާނުގެ ޕާލިމަންޓުން ދާދިފަހުން ވަނީ މަރުގެ އަދަބު އުވާލައި، މެދުއިރުމަތީގައި އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ގައުމަށް ވެފައެވެ. މިކަމުގެ ސަބަބުން، މަރުގެ އަދަބު ތަންފީޒުކުރާ ސޫރިޔާއަށް ކުށްވެރިން ހަވާލުކުރުމާ މެދު ގާނޫނީ ގޮތުން ބަހުސްތަކެއް ވަނީ އުފެދިފައެވެ. ލެބަނީސް ސެންޓާ ފޯ ހިއުމަން ރައިޓްސްގެ ރައީސް ވަދީއު އަލް-އަސްމަރު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުނުވެ މަރުގެ އަދަބު ލިބިދާނެ ގައުމަކަށް މީހުން ފޮނުވުމަކީ ގޮންޖެހުމެކެވެ.
އެހެންނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބެއިރޫތުން ދިމިޝްގާ އެކު އޮންނަ ގުޅުން ރަނގަޅުކުރުމަށް އިސްކަންދޭތީ، މިފަދަ ހުރަސްތަކާއެކުވެސް ކުރީގެ ވެރިން ސޫރިޔާއާ ހަވާލުކުރުމުގެ ފުރުސަތު ބޮޑެވެ.