ދުނިޔެ
ޣައްޒާގެ ޕޮލިސް ސްޓޭޝަނަކަށް ދިން ވައިގެ ހަމަލާއެއްގައި ނުވަ މީހަކު ޝަހީދުވެއްޖެ
ޝަހީދުންގެ ހަށިގަނޑުތަކެއް ވަށައިގެން ޣައްޒާގެ ރައްޔިތުންތަކެއް.
ޣައްޒާގެ ޕޮލިސް ސްޓޭޝަނަކަށް ބުދަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެއްޖެ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.
މިއީ އެ ސަރަހައްދުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައެޅި ޕްލޭނާ ގުޅޭގޮތުން އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ އެ ސަރަހައްދަށް ކުރި ދަތުރު ނިންމާލިތާ ދެ ދުވަސް ފަހުން ދިން ހަމަލާއެކެވެ.
ހަމާސް އިން ހިންގާ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، މުނިސިޕަލް ފުލުހުންގެ މައި މަރުކަޒަށް އަމާޒުކޮށް ދިން މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އިސް ފުލުސް އޮފިސަރުންތަކެއް ވެސް ހިމެނެއެވެ. އަދި މި ހާދިސާގައި އިތުރު 15 މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން، ބުދަ ދުވަހުގެ ހެނދުނާ މެދުތެރޭ ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން އެހެން ހަމަލާއެއްގައި ވެސް މީހަކު ޝަހީދުވެފައިވުމުން، މިއަދު ޝަހީދުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ.
ޖުލައި މަހުގެ ފަހުކޮޅު ރައީސް ޓްރަމްޕް އިއުލާނު ކުރި ގޮތުގައި، އިސްރާއީލު ސިފައިން ޣައްޒާއިން ފައިބަމުންދާ ވަރަކަށް ހަމާސްގެ ހަތިޔާރުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ނައްތާލުމަށް އެކުލަވާލި މަގުޗާޓަށް ހަމާސް އިން ވަނީ އެއްބަސްވެފައެވެ.
ނަމަވެސް، އަންނަ އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބާ ކުރިމަތިލާއިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފަހަތުގައި އުޅޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މަގުޗާޓު ދޫކޮށްލާފައެވެ. އޭނާ ބުނެފައިވަނީ ސިފައިން ފައިބާނީ ހަމާސް އެއްކޮށް ހަތިޔާރު އެޅުން ހުއްޓާލުމުން ކަމަށެވެ.
ހަމާސްގެ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވީ، އިސްރާއީލުން ދެމުންދާ އަމާޒުކޮށްގެން ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ، އެއްބަސްވުމާ މެދު އެ ޖަމާއަތުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް މެދުވެރިން ކަމަށްވާ މިސްރު، ގަތަރު އަދި ތުރުކީއަށް އަންގާފައިވާ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދީފައިވަނިކޮށް ދިން މި ހަމަލާތަކަކީ ކުޝްނާ ކުރި ސުލްހައިގެ މަސައްކަތްތަކަށް އެޅުނު ހުރަހެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލުންނާއި އިސްރާއީލު އަސްކަރިއްޔާއިން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން ވެސް ޣައްޒާއިން 1،200 އަށް ވުރެ ގިނަ ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.