ދުނިޔެ

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ މުއްދަތުގައި ތެޔޮ ބޭރުކުރި މިންވަރު ތިންގުނައަށް އިތުރުވި

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ މުއްދަތުގައި ތެޔޮ ބޭރުކުރި މިންވަރު ތިންގުނައަށް އިތުރުވި

ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ގޫގްލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2026، 04:11

20 އޯގަސްޓު 2026، 04:11

އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލު ކުރަމުންދިޔަ މުއްދަތުގައި، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރި މިންވަރު ގާތްގަނޑަކަށް ތިންގުނައަށް އިތުރުވި ކަމަށް، ބޯޓުފަހަރުގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު އެއްކުރާ ފަރާތްތަކުން ހާމަވެއްޖެއެވެ.

ނަމަވެސް، މި މިންވަރަކީ ހަނގުރާމައިގެ ކުރިން ތެޔޮ ބޭރުކުރަމުން ދިޔަ މިންވަރަށް ވުރެ އަދިވެސް ވަރަށް ބޮޑަށް ދަށް އަދަދެކެވެ.

ޓްރޭޑް އިންޓެލިޖެންސް ފާމެއް ކަމަށްވާ ކްޕްލާއިން ބުނި ގޮތުގައި، މިހާރު މުއްދަތު ހަމަވެފައިވާ 60 ދުވަހުގެ އެމްއޯޔޫގެ ތެރޭގައި ގާތްގަނޑަކަށް 374 މިލިއަން ފީފާގެ ތެޔޮ ގަލްފު ސަރަހައްދުން ބޭރުކޮށްފައިވެއެވެ. މިއީ ދުވާލަކަށް ގާތްގަނޑަކަށް 6.1 މިލިއަން ފީފާގެ ތެލެވެ.

އެޕްރީލް މަހުން ފެށިގެން ޖޫން 17 ގައި މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް އެ ސަރަހައްދުން ބޭރުކުރެވުނީ ދުވާލަކު އެވްރެޖްކޮށް 2.3 މިލިއަން ފީފާއެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގެ ދަށުން ބޭރުކުރެވުނު އަދަދަކީ 2025 ވަނަ އަހަރު ދުވާލަކު އެ ކަނޑުއޮޅިން ދަތުރުކުރި ގާތްގަނޑަކަށް 15 މިލިއަން ފީފާގެ ތެލުގެ އެންމެ 40 އިންސައްތައެވެ.

ޕާކިސްތާނުގެ މެދުވެރިވުމާއެކު ޖޫން 17 ގައި އިއުލާނުކުރި މި އެއްބަސްވުމުގެ މުއްދަތު، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވި ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. އެމްއޯޔޫގެ މުއްދަތު ހަމަވިއިރު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދެވޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ޔޫކޭއެމްޓީއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އެކަނިވެސް 5 ވިޔަފާރި އުޅަނދަކަށް ހަމަލާދީފައިވާއިރު، އަންގާރަ ދުވަހު އޮމާން ކައިރިން މުދާ އުފުލާ ބޯޓަކަށް ދިން ހަމަލާއެއްގައި ފަޅުވެރިއަކު ވަނީ މަރުވެފައެވެ.

މި ހަމަލާއާ ގުޅިގެން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޑްރައި ކާގޯ ޝިޕްއޯނާސް އިން ބުނީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަކީ އާންމު ރައްޔިތުން ކަމަށާއި، ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ޝިކާރައަކަށް އެމީހުން ވެގެން ނުވާނެ ކަމަށެވެ. އެމެރިކާ އަދި އިސްރާއީލުން ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު، މި ސަރަހައްދުގައި ދެވުނު ހަމަލާތަކުގައި މަދުވެގެން 18 ފަޅުވެރިން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުން ބުނެއެވެ.

އެމެރިކާ އާއި އިރާނާއި ދެމެދު މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ތެޔޮ ބޭރުކުރާ މިންވަރު އިތުރަށް ދަށްވާނެ ކަމަށް މާކެޓްތަކުން ލަފާކުރެއެވެ. ބުރާސްފަތި ދުވަހު ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފީފާއަކަށް 91.93 ޑޮލަރަށް އަރައި، 0.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450