ކުޅިވަރު
ޔޫރަޕްގެ ގޯލްޑަން ބޫޓު ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ހެރީ ކޭން ކާމިޔާބުކޮށްފި
ހެރީ ކޭން ޔޫރަޕްގެ ގޯލްޑަން ބޫޓު ކާމިޔާބުކުރުން---
ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ޔޫރަޕިއަން ގޯލްޑަން ޝޫ (ރަން ބޫޓު) އެވޯޑު، ވޭތުވެދިޔަ ތިން ސީޒަނުގެ ތެރޭގައި ދެވަނަ ފަހަރަށް ބަޔާން މިއުނިކް އަދި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް 2023 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސްލީގާގެ ބަޔާން މިއުނިކަށް ބަދަލުވި ކޭން، މި ފަހަރުގެ އެވޯޑު ހޯދީ އެ ޓީމަށް ލީގުގައި 36 ލަނޑު ޖަހައިދީ، 72 ޕޮއިންޓް ހޯދައިގެންނެވެ. މީގެކުރިން 2023/24 ވަނަ އަހަރުގެ ސީޒަނުގައި ވެސް ކޭން ވަނީ ބަޔާނަށް 36 ލަނޑު ޖަހައިދީގެން މި އެވޯޑު ކާމިޔާބުކޮށްފައެވެ. ވޭތުވެދިޔަ އަހަރު މި އެވޯޑު ހޯދީ ރެއާލް މެޑްރިޑަށް 31 ލަނޑު ޖަހައިދިން ކީލިއަން އެމްބާޕޭއެވެ.
ބުދަ ދުވަހު މި އެވޯޑު ލިބުމާ ގުޅިގެން 'ފޯފޯޓޫ' މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކޭން ވަނީ، އަލުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ދިއުމާ މެދު ކުރިން ހުރި ޝައުޤުވެރިކަން މިހާރު ކުޑަވެފައިވާ ކަމަށް ބުނެފައެވެ.
ޓޮޓެންހަމް ދޫކޮށް ފުރަތަމަ އައިއިރު، އަހަރެން ހިތަށްއެރި ކޮންމެވެސް ދުވަހަކުން އަނބުރާ ދާނަމޭ. އެކަމަކު މިހާރު އެ ޝައުޤުވެރިކަން އެހާ ބޮޑަކަށް ނެތް. އަހަރެން މިއުނިކްގައި މި އުޅެނީ ވަރަށް އުފަލުން. މިއީ އިނގިރޭސިވިލާތުން ބޭރުގައި ފުޓްބޯޅައިގެ މުޅިން ތަފާތު ދުނިޔެއެއް އަހަންނަށް ފެނިގެންދިޔަ ތަނެއް. ދުވަހަކުވެސް ނުދާނަމެކޭ ނުބުނާނަން، އެކަމަކު މިވަގުތު އަހަރެންގެ ފުރިހަމަ ފޯކަސް ހުރީ ބަޔާން މިއުނިކަށް.
ކޭން ބުންޏެވެ.
ކޭން ވަނީ މިހާތަނަށް ބަޔާން މިއުނިކަށް ބުންޑަސްލީގާގައި 98 ލަނޑު، ޔުއެފާ ޗެމްޕިއަންސް ލީގުގައި 33 ލަނޑު، ޖަރުމަން ކަޕްގައި 11 ލަނޑު، ކްލަބް ވޯލްޑް ކަޕްގައި 3 ލަނޑު އަދި ޖަރުމަން ސުޕަ ކަޕްގައި އެއް ލަނޑު ޖަހައިދީފައެވެ. މީގެއިތުރުން، އޭނާ ވަނީ ޓޮޓެންހަމްއަށް ޕްރިމިއާ ލީގުގައި 213 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއީ އެ ލީގުގެ ރެކޯޑު އޮންނަ އެލަން ޝިއަރާގެ 260 ލަނޑަށްވުރެ 47 ލަނޑު މަދު އަދަދެކެވެ.
ބަޔާން މިއުނިކާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސްދުވަސް އޮތްއިރު، ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި މިކަމުގައި ދެފަރާތުންވެސް ތިބީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި، ވާހަކަތައް މި ހަފްތާ ނުވަތަ އަންނަ ހަފްތާގައި ފެށިގެންދާނެ ކަމަށް އޭނާ ބުންޏެވެ.