ސައިންސް / ދުނިޔެ
ހަމުގެ ކެންސަރަށް އުފެއްދި ވެކްސިން ކާމިޔާބު
މޮޑާނާއިން ވެކްސިން އުފައްދަނީ
ކޯވިޑް-19 ގެ ވެކްސިން އުފެއްދުމުގައި ބޭނުންކުރި އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަމުގެ ކެންސަރާ ދެކޮޅަށް އުފެއްދި ޚާއްޞަ ވެކްސިނަކުން ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން އެމެރިކާގެ ބޭސް އުފައްދާ ދެ ކުންފުނި ކަމަށްވާ މޮޑާނާ އަދި މާކް އިން ހާމަކޮށްފިއެވެ.
މި ދެ ކުންފުނިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ކޮންމެ ބަލިމީހަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރާ މި ފަރުވާގެ ސަބަބުން، ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ 'މެލަނޯމާ' ޓިއުމަރު އަލުން އަނބުރާ އައުން ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ފަހު މަރުހަލާގެ ކްލިނިކަލް ޓްރަޔަލްތަކުން ލިބުނު މި ކާމިޔާބީއަކީ ސައިންސްވެރިންނާއި ޞިއްޙީ މާހިރުން "ބޮޑު އިންގިލާބީ ކުރިއެރުމެއް" ގެ ގޮތުގައި ސިފަކުރާ ކަމެކެވެ.
"އިންޓިސްމެރާން އޮޓޯޖީން" ގެ ނަން ދެވިފައިވާ މި ބޭހަކީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންސަރާ ދެކޮޅަށް ހޯދި މިފަދަ ފުރަތަމަ ބޮޑު ކާމިޔާބީއެވެ. ކެންސަރުގެ ފަރުވާއަށް މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ސައިންސްވެރިން މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މިއީ ފަހު މަރުހަލާގެ ބޮޑު ޓްރަޔަލަކުން މިފަދަ އެދެވޭ ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ ގުޅިގެން މޮޑާނާގެ ސީއީއޯ ސްޓެފާން ބަންސެލް ވިދާޅުވީ، މިއީ މޮޑާނާއަށާއި އެމްއާރުއެންއޭ ސައިންސަށް އަދި ޚާއްޞަކޮށް ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް ލިބުނު ވަރަށް ތާރީޚީ އަދި މުހިންމު ކުރިއެރުމެއް ކަމަށެވެ.
މި ޓެސްޓުތައް ކުރިއަށް ގެންދިޔައީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ކެންސަރުގެ އޮޕަރޭޝަން ކޮށްފައިވާ 1,137 ބަލިމީހުން ބައިވެރިކޮށްގެންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ދިނީ މި އައު ވެކްސިނާއި މިހާރުވެސް ކެންސަރަށް ދެމުން އަންނަ މައިގަނޑު ބޭހެއް ކަމަށްވާ 'ޕެމްބްރޯލިޒުމެބް' އެވެ. އަދި ބާކީ ތިބި މީހުންނަށް ދިނީ ހަމައެކަނި ޕެމްބްރޯލިޒުމެބް އެވެ.
މި ފަރުވާ މަސައްކަތްކުރަނީ ބަލިމީހާގެ ހަށިގަނޑުން ނަގާ ޓިއުމަރުގެ ސާމްޕަލް ދިރާސާކޮށް، އޭގެ ޚާއްޞަ ޖެނެޓިކް ސިފަތައް ދެނެގަތުމަށްފަހު، އެ ކެންސަރު ސެލްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ތަމްރީނުކުރުމަށް އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.
މި ނަތީޖާއާ ގުޅިގެން އޮކްސްފޯޑް ޔުނިވަރސިޓީގެ އޮންކޮލޮޖިސްޓެއް ކަމަށްވާ ލެނާޑް ލީ ވިދާޅުވީ މިއީ ވަރަށް އުއްމީދީ ނަތީޖާއެއް ކަމަށެވެ. އަދި ލަންޑަންގެ ބާޓްސް ކެންސަރ އިންސްޓިޓިއުޓްގެ ޕްރޮފެސަރ މާކޯ ގާލިންގަރ ވިދާޅުވީ، މިއީ ކޮންމެ މީހަކަށް ވަކިން ތައްޔާރުކުރާ ވެކްސިންތައް ކާމިޔާބުވާނެ ކަމުގެ ޢަމަލީ ހެއްކެއް ކަމަށެވެ.
މެލަނޯމާ އަކީ ހަމުގެ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވައްތަރެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 330,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެއެވެ.
މޮޑާނާއިން ހާމަކުރި ގޮތުގައި، ހަމުގެ ކެންސަރުގެ އިތުރުން ފުއްޕާމޭ، މަސާނާ އަދި ގުރުދާގެ ކެންސަރަށް ފަރުވާ ދިނުމަށްވެސް މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ދިރާސާތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ދިރާސާގެ ފުރިހަމަ މަޢުލޫމާތު ކުރިއަށް އޮތް ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ހުށަހަޅައި، ކަމާބެހޭ އިދާރާތަކުގެ ހުއްދައަށް އެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚަބަރާއެކު ހިއްސާގެ ބާޒާރުގައި މޮޑާނާގެ ހިއްސާގެ އަގު ވަނީ 145 އިންސައްތަ އުފުލި، 154 ޑޮލަރަށް އަރާފައެވެ. އަދި މާކް ކުންފުނީގެ ހިއްސާވެސް ވަނީ 12 އިންސައްތަ މައްޗަށް ގޮސް، 152 ޑޮލަރަށް އަރާފައެވެ.