ދުނިޔެ
35 އަހަރަށް ފަހު ވާދަވެރި ރިޔާސީ އިންތިޚާބެއް ބަންގްލަދޭޝްގައި ބާއްވަނީ
ބަންގްލަދޭޝްގެ ރިޔާސީ އިންތިޚާބު ކުރިއަށްދަނީ. ފޮޓޯ: ގޫގުލް
ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވާދަވެރި ރިޔާސީ އިންތިޚާބެއް ބަންގްލަދޭޝްގައި ބާއްވަން ފަށައިފިއެވެ.
މި އިންތިޚާބުގައި ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ކެންޑިޑޭޓް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރާއި، ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ އިދިކޮޅު 11 ޕާޓީގެ އިއްތިހާދުގެ ކެންޑިޑޭޓް އަދި ކުރީގެ އަސްކަރީ އޮފިސަރު ކާނަލް (ރިޓަޔަރޑް) އޮލީ އަހްމަދު ދަނީ ވާދަކުރައްވަމުންނެވެ.
ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޕާލަމެންޓްގައި ކުރިއަށްދާ މި ވޯޓުލުމުގައި 349 މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓުލުން ކުރިއަށްދަނީ ބުރާސްފަތި ދުވަހުގެ ގްރީންވިޗް މީން ޓައިމުން 08:00 އިން 11:00 އަށެވެ. މި އިންތިޚާބުގެ ނަތީޖާ ވޯޓުލުން ނިމޭތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިޢުލާންކުރެވޭނެ ކަމަށް ބެލެވެއެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ ކުރީގެ ރައީސް މުޙައްމަދު ޝަހާބުއްދީން މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަހާބުއްދީނަކީ 2023 ވަނަ އަހަރު ވެރިކަމުން ދުރުކުރެވުނު ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީގެ ފަރާތުން އެއްވެސް ވާދަވެރިކަމެއް ނެތި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ބަންގްލަދޭޝްގައި އެންމެ ފަހުން ވާދަވެރި ރިޔާސީ އިންތިޚާބެއް ބާއްވާފައިވަނީ 1991 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭގެ ފަހުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބުތަކެއް ވެސް ނިމިފައިވަނީ ވާދަވެރިކަމެއް ނެތިއެވެ.
ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތް ގޮތުން މި އިންތިޚާބުގެ ނަތީޖާ ބުރަވާނީ ބީއެންޕީގެ ކޮޅަށް ކަމަށް ވަނީ ޔަގީންކުރެވިފައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 349 މެންބަރުންގެ ތެރެއިން 247 މެންބަރުންނަކީ ވެރިކަންކުރާ ބީއެންޕީގެ މެންބަރުންނެވެ. އިދިކޮޅު ޖަމާއަތު އިއްތިހާދުގައި ތިއްބެވީ 90 މެންބަރުންނެވެ. އެހެންކަމުން އަލަމްގީރަށް ވަނީ ބޮޑު އަޣުލަބިއްޔަތެއް ކަށަވަރުވެފައެވެ.
އުމުރުން 78 އަހަރުގެ މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރަކީ ހަސީނާގެ ވެރިކަމުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ބީއެންޕީގެ އިސް ޝަޚްސިއްޔަތެކެވެ. އޭނާއާ ވާދަކުރައްވާ އުމުރުން 85 އަހަރުގެ އޮލީ އަހްމަދަކީ 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައިގެ ބަތަލެއްގެ އިތުރުން ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ޗެއާމަން އަދި 6 ދައުރުގައި ޕާލަމެންޓް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން ބަންގްލަދޭޝްގެ ރައީސަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ނަމަވެސް، އެ މަގާމަކީ އެގްޒެކެޓިވް ބާރުތައް މަދު މަގާމެކެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ރައްޔިތުންގެ އުތުރިއެރުމަށް ފަހު ދައުލަތުގެ ނިޒާމުތައް އަލުން ބައްޓަންކުރަމުންދާ ދަނޑިވަޅެއްގައި، 35 އަހަރަށް ފަހު ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުލުން މި ބޭއްވެނީ ޑިމޮކްރަސީގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.