ދުނިޔެ

ދެއަހަރަށް ފަހު ފަސް އަހަރުގެ ލޯބި ލޯބި ހިންދު ޝަހީދުކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ

ދެއަހަރަށް ފަހު ފަސް އަހަރުގެ ލޯބި ލޯބި ހިންދު ޝަހީދުކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ

ހިންދް ރަޖަބް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2026، 06:30

20 އޯގަސްޓު 2026، 06:30

ފަލަސްތީނުގެ އުމުރުން ފަސް އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ހިންދު ރަޖަބާއި އޭނާގެ އާއިލާ ތިބި އުޅަނދަށް ބަޑިޖެހި ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ރަސްމީކޮށް އެއްބަސްވެއްޖެއެވެ.

 ދެ އަހަރަށްވުރެ ގިނަ ދުވަހު މިކަމަށް އިންކާރުކުރުމަށްފަހު، ބައިނަލްއަގުވާމީ ފިއްތުންތަކާ ގުޅިގެން އިސްރާއީލުން މިހާރު ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 29 ގައި، ޣައްޒާ ސިޓީން ނުކުތުމަށް އިސްރާއީލުން އެންގި އެންގުމަށް ތަބާވެ ހިންދުގެ އާއިލާ ކާރެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. އިސްރާއީލު ސިފައިން ވަނީ އެ ކާރަށް 300 އަށްވުރެ ގިނަ ވަޒަން ޖަހައި، ހިންދުގެ އާއިލާގެ ހަ މީހަކު އެ ވަގުތު މަރާލާފައެވެ.

 މި ހަމަލާގައި ޒަހަމްވެ، މަރުވެފައިވާ އާއިލާގެ މެންބަރުންގެ ހަށިގަނޑުތަކުގެ ތެރޭގައި ތާށިވެފައި އިން ހިންދު ވަނީ އެހީއަށް އެދި ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އަށް ފޯނުން ގުޅައި އާދޭސްކޮށްފައެވެ. އަދި އޭނާގެ މަންމައަށް ގުޅައި، "މަންމާ އަހަރެން އެކަނި ދޫކޮށްނުލާށޭ، އަހަރެން ވަރުބަލިވެ ފެންބޮވައިފި، އަދި ޒަހަމްވެއްޖެ" ކަމަށް ބުނެ ރޮއެ އާދޭސްކުރިއެވެ.

ހިންދު ސަލާމަތްކުރުމަށްޓަކައި، އިސްރާއީލުގެ ކަމާބެހޭ އިދާރާ ކޯގަޓް (COGAT) އިން ހުއްދަ ހޯދުމަށްފަހު ދިޔަ އެމްބިއުލާންސަށްވެސް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ޓޭންކު ބަޑިން ހަމަލާދީ އޭގައި ތިބި ދެ ޕެރަމެޑިކުން ޝަހީދުކޮށްލާފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'އަވާޒް' އިން ހެދި ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ ގަސްދުގައި ދިން "ޑަބަލް-ޓެޕް" ހަމަލާއެކެވެ. މި ހާދިސާ ހިނގި ދުވަހުގެ ހަވީރު 7:30 ހާއިރު ހިންދު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި ކާރު ތެރޭގައި މަރުވެފައެވެ.

އަލްޖަޒީރާއިން ގެނެސްދިން ތަހުގީގީ ޑޮކިއުމެންޓަރީއަކުން ވަނީ އިސްރާއީލުގެ އަސްކަރީ ޓޭންކުތައް ކާރު ކައިރީގައި ހަރަކާތްތެރިވި ކަމާއި، އެ ސަރަހައްދުގައި އެއްވެސް ކުރިމަތިލުމެއް ނުހިނގާކަން ސެޓެލައިޓް އަދި އަޑުގެ ތަހުލީލުތަކުން ސާބިތުކޮށްދީފައެވެ. އަދި މި ހަމަލާގައި ބައިވެރިވި އިސްރާއީލުގެ ކޮމާންޑަރުންނާއި ސިފައިންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ހަނގުރާމައިގެ ކުށުގެ މައްސަލައެއްވެސް ހުށަހަޅާފައެވެ.

އިސްރާއީލުން ފަށާފައިވާ މި ތަހުގީގަކީ އިންސާފު ހޯދައިދިނުމުގެ ނިޔަތެއް ނެތް، ދަޅައެއް ކަމަށް ބުނެ ހިންދުގެ އާއިލާއިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އެ ތަހުގީގު ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. ހިންދުގެ މާމަ ވަނީ އިސްރާއީލުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރާ ކަމަށާއި، މި މައްސަލައިގައި ބައިނަލްއަގުވާމީ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450