ދުނިޔެ
އެލް ނީނޯއާއެކު ލަންކާއަށް ބޯކޮށް ވާރޭވެހި، ހަނަފަސްކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކޮށްފި
މިދިޔަ އަހަރުވެސް ސްރީލަންކާއަށް މޫސުމީ ބޮޑު ކާރިސާއެއް ކުރިމަތިވި
ކުރިއަށް އޮތް މަސްތަކުގައި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، އޭގެ ފަހުން ބޮޑު ހަނަފަސްކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ޤައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރު ދައްމިކާ ޕަޓަބެންދީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް ކުރިމަތިވާ އެންމެ ވަރުގަދަ އެލް ނީނޯ މޫސުމީ ހާދިސާއަށް ވެގެންދާނެއެވެ.
މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރުގެ ފަހުކޮޅުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ލަންކާއަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ދިގުދެމިގެންދާ ހަނަފަސްކަމެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ މި ހާލަތުން އަރައިގަތުމަށް ޚާއްޞަ މިނިސްޓީރިއަލް ޕެނަލެއް އެކުލަވާލާފައެވެ.
ކޮލޮމްބޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ޖެނުއަރީ އަދި އެޕްރީލް މަހާ ދެމެދު ހަނަފަސްކަން ވަރަށް ބޮޑުވާނެ ކަމަށާއި، ސީރިއަސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނީ އެ ދުވަސްވަރު" ކަމަށެވެ. އަދި ކުރިމަތިވާން އޮތް މި ކާރިސާ ކުޑަކުރުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މޫސުމީ ބަދަލުތަކުގެ ސަބަބުން 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަދި ވަޒީފާ އަދާކުރާ މީހުންގެ ހަތަރުބައިކުޅަ އެއްބައި ދަނޑުވެރިކަމަށް ބަރޯސާވާ ލަންކާއަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. ވާރޭގެ ފައިދާ ނެގުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ދެ ހަފްތާ ކުރިން، އޮކްޓޯބަރު މަހުގެ ކުރީކޮޅު ގޮވާން އިންދުމުގެ މައިގަނޑު މޫސުން ފެށުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ދަނޑުވެރިންނަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އޮކްޓޯބަރާއި ޑިސެމްބަރާ ދެމެދު ވެހޭ ބޯ ވާރޭގެ ސަބަބުން ފަރުބަދަމަތީ ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑެވެ. 2022 ވަނަ އަހަރުގެ މާލީ ކާރިސާއިން އަރައިގަންނަމުންދާ ދަނޑިވަޅެއްގައި މިފަދަ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް ކުރާނެ އަސަރުތައް ވެސް ސަރުކާރުން ދަނީ ދިރާސާ ކުރަމުންނެވެ.