ދުނިޔެ
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 50 މީހެއްގެ ޖަނާޒާ ޣައްޒާގައި ބާއްވައިފި
ޣައްޒާގައި ކުރިއަށް ގެންދިޔަ ޖަނާޒާ. ފޮޓޯ: އޭޕީ
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރިޔަށްގެންދާ ނަސްލުނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުވެ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދާދިފަހުން ހަށިގަނޑުތައް ފެނުނު ފަލަސްތީނުގެ 50 މީހެއްގެ ޖަނާޒާ ބުރާސްފަތި ދުވަހު ޣައްޒާ ސިޓީގައި ބާއްވައިފިއެވެ.
މި ހަށިގަނޑުތަކަކީ އޮކްޓޯބަރު 2023 ގައި ފެށި ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑުތަކެކެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން މި ހަށިގަނޑުތައް ނަގާފައިވަނީ ތަލް އަލްހަވާ، ޒައިތޫން، ސަބްރާ، ޝެއިޚް ރަޟްވާން އަދި ޝާތީ އަވަށްތަކުންނެވެ. މީގެ ތެރޭގައި އަލް ސަވާފިރީ، އަލް ބަތްނީޖީ އަދި ޣަރްބިޔާ އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން ލަފާކުރާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8،000 އަށްވުރެ ގިނަ މީހުން ވަޅުލެވިފައި އެބަތިއްބެވެ. ސަލާމަތްކުރާ ޓީމުތަކަށް މި މަސައްކަތް ކުރަން ޖެހިފައިވަނީ އެންމެ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ދަތި ހާލަތެއްގައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝް ވަނީ، ހަށިގަނޑުތައް ނެގުމަށާއި މަރުވެފައިވާ މީހުން ދެނެގަތުމަށް ބޭނުންވާ ބޮޑެތި މެޝިނަރީތަކާއި ފޮރެންސިކް ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.
އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު، އެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 1،266 މީހުން ޝަހީދުވެ، 4،200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސްވީ މި ހަނގުރާމައިގައި ޖުމްލަ 73،400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.
މި ޖަނާޒާ ބޭއްވުނުއިރު، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ ޚަލީލް އަލްހައްޔާ އިސްވެ ހުންނެވި ވަފުދަކުން ވަނީ ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީއާ ދޯހާގައި ބައްދަލުކުރައްވާފައެވެ. ގަތަރުގެ ބޮޑުވަޒީރު ވަނީ އެމެރިކާގެ ހުށަހެޅުމަށް ހަމާސްއިން ދެއްކި އެއްބާރުލުމަށް ތައުރީފު ކުރައްވާ، އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއެޅުމަށް ގޮވާލައްވާފައެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހުށަހެޅުމަށް ފާޅުގައި ދެކޮޅު ހަދާފައެވެ.