ދުނިޔެ

ބަންގްލަދޭޝްގެ އައު ރައީސަކަށް އާލަމްގީރު

ބަންގްލަދޭޝްގެ އައު ރައީސަކަށް އާލަމްގީރު

މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޯގަސްޓު 2026، 10:06

21 އޯގަސްޓު 2026، 10:06

ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހާބުއްދީން ޞިއްޙީ ސަބަބުތަކާ ހުރެ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޤައުމުގެ އައު ރައީސަކަށް ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ތަޖުރިބާކާރު ސިޔާސީ ލީޑަރު މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން އިންތިޚާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޢުމުރުން 78 އަހަރުގެ އާލަމްގީރު މި މަޤާމު ކާމިޔާބު ކުރެއްވީ މަޖިލީހުގެ 255 މެންބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، ޖަމާޢަތޭ އިސްލާމީ އިސްވެ އޮންނަ އިދިކޮޅު 11 ޕާޓީގެ އިއްތިހާދުގެ ކެންޑިޑޭޓް އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން، ރިޓަޔާޑް ކާނަލް އޮލީ އަޙްމަދު (84 އަހަރު) އަށް ލިބިވަޑައިގަތީ 88 ވޯޓެވެ.

ދަޢުލަތުގެ ނިއުސް އޭޖެންސީ (ބީއެސްއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯޓުލުމުގެ ކުރިން ވާހަކަދައްކަވަމުން އާލަމްގީރު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ހުވަފެނަކީ އެކަހެރިވެފައިވާ މުޖުތަމަޢުތަކާއި، ބުރަ މަސައްކަތްކުރާ ފަރާތްތަކާއި އަދި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް ދުވާލަކު ދެ އިރު ކެވޭނެ ފަދަ އުފާވެރި، ފާގަތި އަދި ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާ ދަޢުލަތެއް ބިނާކުރުން ކަމަށެވެ.

ޒުވާނުން އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 2024 ވަނަ އަހަރު ޝެއިޚް ޙަސީނާގެ އަވާމީ ލީގު ސަރުކާރު ވެއްޓުމަށްފަހު، މި އަހަރުގެ ފެބްރުއަރީ 12 ގައި ބޭއްވި ޢާންމު އިންތިޚާބުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު ހޯދައިގެން ބީއެންޕީ ވަނީ އަލުން ވެރިކަމަށް އައިސްފައެވެ. އަދި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ތޯރިޤް ރަޙްމާނެވެ.

ކުރީގެ ރައީސް ޝަހާބުއްދީން (76 އަހަރު) އޭނާގެ ދައުރު ހަމަވާން ދެ އަހަރު އޮއްވައި، ސިއްޙީ ހާލަތު ތަން ނުދޭކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ބަންގްލަދޭޝްގެ ޤާނޫނުއަސާސީ ބުނާގޮތުން ރައީސްކަމުގެ މަޤާމު ހުސްވާތާ 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ. ބަންގްލަދޭޝްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ނަމަވެސް، ރައީސަކީ ދަޢުލަތުގެ އެންމެ އިސްވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ.

އާލަމްގީރަކީ 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ބީއެންޕީއާ ގުޅިވަޑައިގަތީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ޙަސީނާގެ ވެރިކަމުގައި އިދިކޮޅު އިސް ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު އާލަމްގީރު ވަނީ އެތައް ފަހަރަކު ހައްޔަރުކޮށް ޖަލަށްލާފައެވެ. މިއީ ސިޔާސީ ދަޢުވާތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް މިނިސްޓަރުކަމާއި، ދަނޑުވެރިކަމާއި، އޭވިއޭޝަން އަދި ޓޫރިޒަމް މިނިސްޓަރުކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވާފައެވެ.

އަވާމީ ލީގުގެ ވެރިކަމުގެ ބާރުގަދަ ދުވަސްވަރު 2023 ގައި ރައީސްކަމަށް ވަޑައިގެންނެވި ޝަހާބުއްދީނަކީ ޙަސީނާގެ އަރިސް ބޭފުޅެކެވެ. އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާއެކު އޭނާ އިސްތިއުފާ ދެއްވީ ޖުލައި 24 ގައެވެ. ވެރިކަން ވެއްޓުމާއެކު ފިއްލަވައިގެން އިންޑިއާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޙަސީނާ ވަނީ އަންނަ ޑިސެމްބަރު މަހު އަނބުރާ ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450