ދުނިޔެ
ތުރުކީގެ ހަތިޔާރު އުފުލި ކާގޯ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު ހައިޖެކްކޮށްފި
ހައިޖެކް ކުރި ބޯޓު
ސޯމާލިއާގެ ޕުންޓްލޭންޑް ސަރަޙައްދުގެ އައްސޭރިފަށުން، ކެމަރޫންގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ކަނޑުފޭރޭ ބަޔަކު ހައިޖެކްކޮށް، އެ ބޯޓު އެ ޤައުމުގެ ނުގާލް އައްސޭރިއާ ދިމާއަށް ގެންގޮސްފިއެވެ. މި ބޯޓުގައި މަސައްކަތްކުރާ 10 ފަޅުވެރިންގެ ތެރޭގައި އިންޑިއާގެ 6 މީހަކު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ސޯމާލިއާގެ އޮފިޝަލަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، "ލުތުފް" ނަމަކަށް ކިޔާ މި ވިޔަފާރި ބޯޓު ހައިޖެކްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ޕުންޓްލޭންޑްގެ އީލް ޑިސްޓްރިކްޓްގެ މައްރާޔާގެ އައްސޭރިން ގާތްގަނޑަކަށް 3.5 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ބޯޓު ހައިޖެކްކޮށްފައިވަނީ ކަނޑުފޭރޭ 8 މީހުންގެ ގުރޫޕަކުންނެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު "ސްވާޑް" ނަމަކަށް ކިޔާ ބޯޓެއް ހައިޖެކްކުރުމުގައި ވެސް ބައިވެރިވި ގުރޫޕެއް ކަމަށް ބެލެވެއެވެ. އެމީހުން މިހާރު އެ ބޯޓު ގެންގޮސްފައިވަނީ ޕުންޓްލޭންޑްގެ ދަންގޮރޯޔޯ ޑިސްޓްރިކްޓްގެ ގަރްމާލް އައްސޭރިފަށާ ދިމާއަށެވެ.
ޕޯލަރ މޫވްމަންޓް ޝިޕިންގ ކުންފުނީގެ މި ބޯޓަކީ މުޤަދިޝޫގައި ހުންނަ ތުރުކީގެ އަސްކަރީ ތަމްރީނު މަރުކަޒަކަށް ގެންދިޔަ ހަތިޔާރާއި، މުވާޞަލާތީ އަދި ސެޓެލައިޓް ސާމާނު އުފުލި ބޯޓެކެވެ. ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި އިންޑިއާގެ 6 މީހުންގެ އިތުރުން، ތުރުކީ މީހަކާއި، ޖޯޖިއާ މީހެއްގެ އިތުރުން ސެކިއުރިޓީ ބަލަހައްޓާ ސާބިއާގެ ދެ މީހުން ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ބޯޓު ހައިޖެކްކުރުމާ ގުޅިގެން ތުރުކީގެ ދެ އުޅަނދެއް އެ ސަރަޙައްދާ ދިމާއަށް ދަތުރުކޮށްފައިވާއިރު، ތުރުކީގެ ހެލިކޮޕްޓަރުތަކާއި ޑްރޯންތަކުން ދިޔައީ އެ ސަރަޙައްދު މޮނީޓަރު ކުރަމުންނެވެ. އަދި އަންގާރަ ދުވަހު ކުޑަ ލޯންޗެއްގައި އައި ދެމީހަކު އެ ބޯޓަށް "ގާތު" (ސޯމާލިއާގައި މަސްތުވުމަށް ބޭނުންކުރާ ފަތެއް) ފޯރުކޮށްދިނުމަށްފަހު އެނބުރި އެއްގަމަށް ދިޔަތަނާ، ވައިގެ މަގުން ދިން ޙަމަލާއެއްގައި ހަތަރު މީހަކު މަރުވެ ދެ މީހަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް، މި ޙަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި މަރުވި މީހުންނަކީ ކަނޑުފޭރުމުގައި ބައިވެރިވި ބައެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.