ދުނިޔެ
ނަތަންޔާހޫ ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީން އެދިއްޖެ
ބެންޖަމިން ނެތަންޔާހޫ
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ފްރީޑަމް ފްލޮޓިލާ" އަށް ހަމަލާދިން މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އަފެކް މޮސްކޮވިޗް ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީވިލާތުން ރަސްމީކޮށް އެދިއްޖެއެވެ.
މިކަން ހާމަކުރައްވައި ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް އެކްސް ގައި ވިދާޅުވީ، މި ދެ މީހުން ހައްޔަރުކުރުމުގެ އަމުރެއް ޖުލައި 14 ވަނަ ދުވަހު ނެރެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހޯދުމުގެ ބައިނަލްއަޤްވާމީ މަރުޙަލާ ފެށުމަށް ތުރުކީގެ ދާޚިލީ ވުޒާރާއަށް މިހާރު އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްތަންބޫލުގެ 11 ވަނަ ހެވީ ޕީނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ޢާންމުންނަށް އަމާޒުކޮށް ހަތިޔާރާއެކު ދިން ޙަމަލާއާ ގުޅިގެން 35 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ނަތަންޔާހޫ އަދި މޮސްކޮވިޗްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ނަސްލުނައްތާލުން (ޖެނޮސައިޑް)، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުން، ލާއިންސާނީ އަނިޔާކުރުން، ޤަޞްދުގައި ގެއްލުންދިނުން، މިނިވަންކަން ނިގުޅައިގަތުން، މުދަލަށް ގެއްލުންދިނުން، ފޭރުން އަދި ދަތުރުފަތުރުކުރާ އުޅަނދުތައް ހައިޖެކްކުރުމުގެ ދަޢުވާ ހިމެނެއެވެ. ނަމަވެސް، މޮސްކޮވިޗާ ބެހޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖަސްޓިސް މިނިސްޓަރު ގުރްލެކް ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށާއި، އެ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުޞަތު ތުރުކީވިލާތުން ނުދޭނެ ކަމަށެވެ.