ދުނިޔެ

އިސްރާއީލުގެ "އީ1" ވަޒަންވެރިކުރުވުމުގެ މަޝްރޫޢު އިސްލާމީ 8 ޤައުމަކުން ކުށްވެރިކޮށްފި

އިސްރާއީލުގެ "އީ1" ވަޒަންވެރިކުރުވުމުގެ މަޝްރޫޢު އިސްލާމީ 8 ޤައުމަކުން ކުށްވެރިކޮށްފި

"އީ1" ވަޒަންވެރިކުރުވުމުގެ މަޝްރޫޢު ކުށްވެރިކުރި 8 ޤައުމުގެ ދިދަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޯގަސްޓު 2026، 09:27

21 އޯގަސްޓު 2026، 09:27

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިކުރުވުމުގެ ސިޔާސަތުތަކާއި، ޚާއްޞަކޮށް އިރުމަތީ ޤުދުސްގެ އިރުމަތީގައި ތަންފީޛުކުރަން އުޅޭ ނުރައްކާތެރި "އީ1"  ސެޓްލްމަންޓް ޕްލޭން، ސަޢޫދީ ޢަރަބިއްޔާ އާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭހެން އިސްލާމީ 8 ޤައުމެއްގެ ޚާރިޖީ ވަޒީރުން އެއްއަޑަކުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިކަން ކުށްވެރިކޮށް ގުޅިފައިވާ ބަޔާނެއް ނެރުއްވާފައިވަނީ ޔޫއޭއީ، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ އަދި މިޞްރުގެ ޚާރިޖީ ވަޒީރުންނެވެ.

މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުގެ އެއްބާރުލުމާއެކު ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި ހިންގާ އަނިޔާވެރި ޢަމަލުތައް ވެސް ވަނީ ކުށްވެރިކުރައްވާފައެވެ. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތަކާ ޚިލާފު، އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައާއި އަމަންއަމާންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވަޒީރުން ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުން އިންޒާރު ދެއްވި ގޮތުގައި "އީ1" މަޝްރޫޢަކީ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުމަށް ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ. މީގެ ސަބަބުން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއާ ދެމެދު އޮތް ޖުޣުރާފީ ގުޅުން ކެނޑި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން މިނިވަން މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ކުރެވޭ އުންމީދުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ. އަދި މިއީ ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކަށާއި، ބިންތައް ފޭރިގަތުމާއި މަޖުބޫރުން މީހުން ބޭރުކުރުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނުގައި ހިމެނޭ ކަންކަމަށް ވެސް ދެވޭ ސީދާ ގޮންޖެހުމެއް ކަމަށް ވަޒީރުން ވިދާޅުވިއެވެ.

ވަޒީރުން އިތުރަށް ވިދާޅުވީ، ދެމިއޮންނަ ޢަދުލުވެރި ޞުލްޙައެއް ޤާއިމުކުރެވެން އޮތް ހަމައެކަނި މަގަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ދެ ދައުލަތުގެ ޙައްލު" ކަމަށެވެ. އެހެންކަމުން، ޣައިރުޤާނޫނީ ސެޓްލްމަންޓްތައް ހެދުމުގައި ޙިއްޞާވާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވަޒީރުން ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން، "އީ1" މަޝްރޫޢު ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ބިމުގެ ޖުޣުރާފީ އަދި އާބާދީގެ ނިސްބަތަށް ބަދަލު ގެނައުމަށް ކުރާ އެންމެހައި މަސައްކަތްތައް ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް މި 8 ޤައުމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަމިއްލަ އިޚްތިޔާރުގައި މިނިވަން ދައުލަތެއް ބިނާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450