ދުނިޔެ

ބޯޓެއް ބަންޑުން ޖަހާލައި، 40 ކުޑަކުދިން މަރުވެއްޖެ

ބޯޓެއް ބަންޑުން ޖަހާލައި، 40 ކުޑަކުދިން މަރުވެއްޖެ

ހާދިސާގައި މަރުވި މީހުންގެ ބައެއް ހަށިތައް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޯގަސްޓު 2026، 09:51

21 އޯގަސްޓު 2026، 09:51

ނައިޖީރިއާގެ ހުޅަނގު އުތުރު ސޮކޯޓޯ ސްޓޭޓްގައި ހަނޑޫ ދަނޑުތަކަށް މަސައްކަތު މީހުންނާއި ދަނޑުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 52 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު، ސޮކޯޓޯ ސްޓޭޓްގެ ގޮރޮންޔޯ ލޯކަލް ގަވަރމަންޓް އޭރިއާގެ ގޮރާއު އަވަށާ ކައިރި ކޯރުގެ ސަރަހައްދެއް ހުރަސްކުރަން އުޅުމުގެ ތެރޭގައެވެ.

ސޮކޯޓޯ ސްޓޭޓްގެ ނެޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނެމާ) ގެ ހެޑް އޮފް އޮޕަރޭޝަންސް ތުކުރު އަބޫބަކުރު ހުކުރު ދުވަހު ވިދާޅުވީ، ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 52 އަށް އަރާފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު މީހުންގެ އާއިލާތައް ދެނެގަތުމަށްޓަކައި ލޯކަލް ގަވަރމަންޓުގެ އޮފިޝަލުންނާ ބައްދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ސަރަހައްދުގެ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި ބޯޓު ބަންޑުން ޖަހާލި ވަގުތު އޭގައި 70 އަށް ވުރެ ގިނަ މީހުން ތިއްބެވެ. ސޮކޯޓޯ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނާސިރު އާދަމު ވިދާޅުވީ، ބޯޓުގައި ގިނައިން ތިބީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށެވެ. މީގެ އިތުރުން ނެޝަނަލް އިންލެންޑް ވޯޓާވޭސް އޮތޯރިޓީ (ނީވާ) ގެ މެނޭޖަރު އަބްދުލްގާދިރު ޔޫސުފް ވިދާޅުވީ، ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި މަދުވެގެން 40 ކުޑަކުދިންގެ ހަށިގަނޑު ހިމެނޭ ކަމަށެވެ.

ގޮރާއު އަވަށުގެ ކުރީގެ ކައުންސިލަރަކު ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ޖަނާޒާގެ ކަންކަން މިހާރު ވަނީ ނިންމާފައެވެ. އެ އަވަށުގެ ރައްޔިތެއް ކަމަށްވާ ސަމާއިލާ ގަރްބާ ބުނީ، އޭނާގެ އުމުރުން 13 އަހަރުގެ ކާފަދަރިފުޅު ޖަމީލާ އުސްމާންވެސް މި ހާދިސާގައި ނިޔާވެފައިވާ ކަމަށާއި، ވިއްސާރަ މޫސުމުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދަތުރުކުރާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސޮކޯޓޯ ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ސެމާ) ގެ ތަރުޖަމާނު އަބްދުﷲ ޣަނީ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން އަދިވެސް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ހާދިސާގެ އަސަރުކުރި މީހުންގެ ސީދާ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނައިޖީރިއާގެ ކޯރުތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާއިރު، މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޯޓުތަކަށް މާބޮޑަށް ބަރުކުރުމާއި، ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމާއި، ގަވާއިދުތައް ތަންފީޒު ނުކުރެވުން ހިމެނެއެވެ.

މިދިޔަ މަހުވެސް ނައިޖީރިއާގެ ޖިގާވާ ސްޓޭޓްގައި ބޯޓެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ޖިގާވާއިން ޔޯބޭ ސްޓޭޓަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 26 މީހުން ވަނީ ގެނބިގެން މަރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450