ދުނިޔެ

އީރާނުން އޮތީ ބާރުގަދަ މަގާމެއްގައި ކަމަށާއި، އެމެރިކާއާ އެކު ކުރާ ހަނގުރާމަ ނިންމަން ވެއްޖެ ކަމަށް ޕެޒެޝްކިއާން ވިދާޅުވެއްޖެ

އީރާނުން އޮތީ ބާރުގަދަ މަގާމެއްގައި ކަމަށާއި، އެމެރިކާއާ އެކު ކުރާ ހަނގުރާމަ ނިންމަން ވެއްޖެ ކަމަށް ޕެޒެޝްކިއާން ވިދާޅުވެއްޖެ

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އާއި މޮހްސިން ރެޒާއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2026، 12:44

22 އޯގަސްޓު 2026، 12:44

އެމެރިކާއާ ދެމެދު ކުރިއަށްދާ މަސްތަކެއްވީ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ގޮވާލައްވައިފިއެވެ.

ޑިޕްލޮމެޓިކް ވާހަކަތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ އީރާނުން މިހާރު އޮތީ ބާރުގަދަ އަދި ޝަރަފުވެރި މަގާމެއްގައި ކަމަށެވެ.

ހުކުރު ދުވަހު ޑޮކްޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، "އަޅުގަނޑުމެން ބާރާއި އިއްޒަތުގެ މަގާމެއްގައި ތިބިއިރު، ހަނގުރާމަ ނިންމުމަކަށް ގެނައުން މާ ރަނގަޅު" ކަމަށެވެ. އަދި އެމެރިކާއިން ގަވާއިދުތަކާ ޚިލާފަށް ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށާއި، އީރާނުގެ ކާމިޔާބީ މުޅި ދުނިޔެ ވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެއިތުރުން، އެމެރިކާއަށް ދޫތަކެއް ދީފައިވާ ކަމަށް ބުނެ ޕާލަމެންޓުގެ ހަރުކަށި ފަރާތްތަކުން ކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕެޒެޝްކިއާން ވަނީ ޖޫން މަހުގެ ފަހުމުނާމާ ދިފާއުކުރައްވާފައެވެ.

ފަހުމުނާމާގެ މުއްދަތު ހަމަވެފައިވާއިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ހަރުކަށި ރައްދެއް ދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ޗީފް އޮފް ސްޓާފް މޭޖާ-ޖެނެރަލް އަލީ އަބްދުﷲ ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ އިތުރުން ސައިބާ ދާއިރާއިން ވެސް ރައްދު ދިނުމުގެ ފުރިހަމަ ތައްޔާރީތައް ވެފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި އޮމާނާއި އީރާނުގެ ޚާރިޖީ ވަޒީރުން ވަނީ މަޝްވަރާތައް އަލުން ފެށުމާ ގުޅޭގޮތުންނާއި ހޮރްމޫޒް ކަނޑުއޮޅީގެ ކަންކަމާ ގުޅޭގޮތުން ފޯނުން މަޝްވަރާކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން މަޝްވަރާކުރަން ބޭނުންވާ މިންވަރާމެދު ޝައްކު އުފައްދާފައެވެ. ޓްރަމްޕް ބުނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަރަހައްދު އެއްކޮށް އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށާއި، އީރާނުން އެއްބަސްވުމެއް ހަދަން ބޭނުންވި ނަމަވެސް އެކަށީގެންވާ އެއްބަސްވުމަކަށް އަންނަން އެ ގައުމު އަދި ތައްޔާރު ނޫން ކަމަށެވެ. އަދި އީރާނަށް އެހީތެރިވާ ކޮންމެ ގައުމަކާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

މީގެއިތުރުން، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެހީގައި އީރާނުގެ ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މިކަމާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާއިން އެމެރިކާގެ އަމަލުތައް "އިގްތިސާދީ ޓެރަރިޒަމް" ގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައިވާއިރު، ޗައިނާގެ ޚާރިޖިއްޔާއިން ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މައްސަލަ ހައްލުނުވާނެ ކަމަށާއި ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450