ދުނިޔެ
ފާއިތުވި 48 ގަޑިއިރު ތެރޭގައި ޔަހޫދީން ފަލަސްތީނުގެ 2 މީހުން ޝަހީދުކޮށްލައިފި
ފަލަސްޠީނުގައި ބޭއްވުނު ޖަނާޒާއެއްގެ ތެރެއިން---
ފާއިތުވި 48 ގަޑިއިރު ތެރޭގައި ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން މި ދެ މީހުން ޝަހީދުކޮށްލާފައިވަނީ ޑްރޯން ހަމަލާތަކެއް ދީގެންނެވެ.
މި ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ފާއިތުވި 48 ގަޑިއިރު ތެރޭގައި ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވި ހަތަރު މީހަކަށް ވަނީ ފަރުވާދީފައެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާއި ޣައްޒާގެ ސަރުކާރުގެ މީޑިއާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 7 އޮކްޓޫބަރު 2023 އިން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް އިސްރާއީލުން ވަނީ 73،419 މީހުން ޝަހީދުކޮށްލާފައެވެ.
މި މީހުން ޝަހީދުކޮށްލާފައިވަނީ އުތުރު ޣައްޒާ، ޣައްޒާ ސިޓީ، ޑިއާ އެލް-ބަލާހް، ޚާން ޔޫނިސް އަދި ރަފާހުންނެވެ. މިއީ ޣައްޒާގެ އާބާދީގެ ކޮންމެ 33 މީހަކުން އެކަކެވެ. އަދި މި މުއްދަތުގައި 174،364 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިއީ ކޮންމެ 14 މީހަކުން އެކަކެވެ.
ހަނގުރާމަ ހުއްޓާލުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެއްބަސްވުމެއް ހެދުނު ނަމަވެސް، އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގައި އެކަނިވެސް 1،285 މީހުން ޝަހީދުކޮށްލައި،4,252 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭތީ، މަރުވި މީހުންގެ އަދަދު އަދިވެސް ފުރިހަމައަށް ސާފުނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތައް ހޯދަމުންދާއިރު، އެ މީހުން ވަޅުލާނެ ޖާގަ ވެސް ޣައްޒާއިން މިހާރު ދަނީ ހުސްވަމުންނެވެ.