ދުނިޔެ
ޝަހީދުން ވަޅުލާނެ ބިންތައް ޣައްޒާއިން ހުސްވަނީ
ފަލަސްޠީނުގެ ސަހަރާއެއް. ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގައި ޝަހީދުވާ މީހުން ވަޅުލުމަށް ބޭނުންވާ ޖާގަ ހުސްވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ހަނގުރާމައިގެ ތެރޭގައި ޝަހީދުވި އެތައް ހާސް ފަލަސްތީނު ރައްޔިތުން ވަޅުލާފައިވަނީ ގޭގޭގެ ގޯތިތެރޭގައްޔާއި، ފޭލިގެތަކުގައްޔާއި، ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕުތަކުގެ ބިންތަކުގައްޔާއި، ސްކޫލްތަކުގައި ނުވަތަ ހޮސްޕިޓަލްތަކުގައެވެ.
2023 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ ގަބުރުސްތާނުތަކުގެ ޖާގަ ވަނީ ފުރިފައެވެ. ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން 40 އަށް ވުރެ ގިނަ ޤަބުރުސްތާނު ޔަހޫދީ ސިފައިން ވަނީ ހަލާކުކޮށްފައެވެ.
އަދި އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހުރި ޤަބުރުސްތާނުތަކަށް ވަނުމަށް ހަރުކަށި ހުރަސްތަކެއް އަޅާފައިވުމަކީ ވެސް، އާއިލާތަކަށް މީހުން ވަޅުލުމަށް ލިބެން ހުރި ޖާގަތައް އިތުރަށް މަދުވެގެން ދިޔަ ސަބަބެކެވެ.
ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މަހާނަގާ ފަދަ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން މިހާރު މައްޔިތަކު ވަޅުލުމުގެ ޚަރަދު އުޅެނީ 700 ޝެކޭލް (235 ޑޮލަރު) އާއި 1،000 ޝެކޭލް (335 ޑޮލަރު) އާ ދެމެދުގައެވެ.
އިސްރާއީލުން މިހާރު ދެމުންދާ ހަމަލާތައް ހުއްޓާލި ކަމުގައި ވިޔަސް، ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހެއެވެ. އެއީ ހަލާކުވެ ބިމާހަމަވެފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ދަށުން އާއިލާގެ މީހުންގެ ހަށިގަނޑުތައް ހޯދައި ނެގުމެވެ. އަދި އެ ހަށިތައް ފެނުމުން ކޮންމެހެންވެސް ފަސްދާނުލާން ޖެހޭތީ، އެކަމަށް ބޭނުންވާ ބިން ނެތުމުގެ ދަތިކަމާއި ކަންބޮޑުވުން މިހާރު ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.