ދުނިޔެ

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުން

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުން

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 04:49

23 އޯގަސްޓު 2026، 04:49

އދ. ގެ 10 ވަނަ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާ މި އަހަރު ކުރިއަށްދާއިރު، މި މަގާމަށް ހޮވޭ ބޭފުޅަކު 5 އަހަރުގެ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ 1 ޖެނުއަރީ 2027 ގައެވެ. މަގާމުން ވަކިވެވަޑައިގަންނަވާ އެންޓޯނިއޯ ގުޓެރެސްގެ ބަދަލުގައި މި މަގާމަށް ވަޑައިގަތުމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ނެގުނު ނުރަސްމީ ދެވަނަ ވޯޓުގައި، ގުޔާނާގެ ކެރޮލިން ރޮޑްރިގޭޒް ބިރކެޓް ކުޑަ ތަފާތަކުން ކުރީގައި އުޅުއްވާކަން ވަނީ ހާމަވެފައެވެ. މި މުހިންމު މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައިވާ މައިގަނޑު ކެންޑިޑޭޓުންނަކީ:

ރަފައެލް ގްރޮސީ

އާޖެންޓީނާގެ ޑިޕްލޮމެޓެއް ކަމަށްވާ އުމުރުން 65 އަހަރުގެ ގްރޮސީ އަކީ ވޭތުވެދިޔަ ހަ އަހަރު އދ. ގެ ނިއުކްލިއާ ވޮޗްޑޮގް (އައި.އޭ.އީ.އޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ޔޫކްރެއިންގައި ރަޝިއާއިން ހިފާފައިވާ ޒަޕޮރިޒިއާ ނިއުކްލިއާ ޕްލާންޓުގައި އައި.އޭ.އީ.އޭ ގެ ޓީމެއް ބޭތިއްބުމެވެ. އަށް ދަރިންގެ ބައްޕައެއް ކަމަށްވާ ގްރޮސީ އަކީ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވިޔަސް، ރަޝިއާއިން ވަނީ އޭނާގެ ކެންޑިޑެސީއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.


ރެބެކާ ގްރިންސްޕަން

ކޮސްޓަރީކާގެ ކުރީގެ ނައިބު ރައީސް އަދި މިހާރު އުންކްޓަޑް  ގެ ވެރިޔާގެ މަގާމުގައި ހުންނެވި އުމުރުން 70 އަހަރުގެ ގްރިންސްޕަން އަކީ އިސްލާހީ ވިސްނުމުގެ އިގްތިސާދީ މާހިރެކެވެ. އޭނާ އިންތިޚާބުވެއްޖެނަމަ ވެގެންދާނީ އދ. ގެ ތާރީޚުގައި ވެސް ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލަށެވެ. އޭނާ ވިދާޅުވަނީ ޚާއްސަ އިނާޔަތްތަކަކަށްވުރެ ބޭނުންވަނީ ހަމަހަމަ ފުރުސަތު ކަމަށެވެ.

މިޝޭލް ބެޗްލެޓް

ޗިލީގެ ދެ ދައުރުގެ ކުރީގެ ރައީސް އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރު، އުމުރުން 74 އަހަރުގެ ބެޗްލެޓް އަށް ބްރެޒިލް އަދި މެކްސިކޯގެ ތާއީދު އޮތް ނަމަވެސް، ޗިލީގެ ސަރުކާރު ބަދަލުވުމާއެކު އެ ގައުމުން ވަނީ އޭނާއަށް އޮތް ތާއީދު އަނބުރާ ގެންގޮސްފައެވެ. އަދި އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ.

މަކީ ސާލް

ސެނެގޯލްގެ ކުރީގެ ރައީސް (2012 އިން 2024 އަށް) އުމުރުން 64 އަހަރުގެ މަކީ ސާލް ނޮމިނޭޓް ކޮށްފައިވަނީ ބުރުންޑީންނެވެ. އޭނާގެ މައިގަނޑު އަމާޒަކީ ދަރަނީގެ ބުރަ އުފުލަންޖެހިފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމާއި، ސެކިއުރިޓީ ކައުންސިލް އިސްލާހުކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ދާއިމީ ގޮނޑި ހޯދައިދިނުމެވެ. ހޮވިވަޑައިގެންފިނަމަ އޭނާ ވާނީ އެފްރިކާ ބައްރަށް ނިސްބަތްވާ 3 ވަނަ ސެކްރެޓަރީ ޖެނެރަލަށެވެ.

މާރިއާ ފެރްނާންޑާ އެސްޕިނޯސާ

އިކުއެޑޯގެ ކުރީގެ ޚާރިޖީ އަދި ދިފާއީ ވަޒީރު، އުމުރުން 61 އަހަރުގެ އެސްޕިނޯސާ ނޮމިނޭޓް ކުރީ އެންޓިގުއާ އެންޑް ބާބިއުޑާއިންނެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ އެސްޕިނޯސާ ބާރުއަޅުއްވަނީ ތިމާވެއްޓާއި، ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމަށާއި، އދ. ގެ އިސްކަންދޭ ކަންކަން އަލުން ތަރުތީބުކޮށް ހިންގުން ހަރުދަނާ ކުރުމަށެވެ.

ކެރޮލިން އެލިސަން ފަރީދާ ރޮޑްރިގޭޒް ބިރކެޓް

ގުޔާނާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރޮޑްރިގޭޒް ބިރކެޓް އިންތިޚާބުވެއްޖެނަމަ، ވެގެންދާނީ މި މަގާމު ފުރުއްވާ ފުރަތަމަ އަންހެން އަދި ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއަށެވެ. އޭނާ ވަކާލާތު ކުރައްވަނީ ހަމަނުޖެހުންތައް ހުއްޓުވުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގައި އދ. ގެ ދައުރު ފުޅާކުރުމަށެވެ.

އޮލާރާ އޮޓޫނޫ

ޔުގެންޑާއިން ނޮމިނޭޓްކޮށްފައިވާ އުމުރުން 75 އަހަރުގެ އޮޓޫނޫ އަކީ އދ. ގެ ކުރީގެ އަންޑަރ ސެކްރެޓަރީ ޖެނެރަލެކެވެ. އޭނާ އިސްކަންދެއްވަނީ ބައިނަލްއަގުވާމީ ބޮޑެތި ހަމަނުޖެހުންތައް ހުއްޓުވުމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބެލެހެއްޓުމަށް އދ. ގެ އިދާރާއެއް އުފެއްދުމަށެވެ.

އިވޯން ބާކީ

އިކުއެޑޯގެ ޑިޕްލޮމެޓެއް ކަމަށްވާ އުމުރުން 75 އަހަރުގެ ބާކީ ނޮމިނޭޓް ކުރީ ޓޮންގާއިންނެވެ. ލުބުނާނުގެ ދާޚިލީ ހަނގުރާމައިގެ ތަޖުރިބާ ހުރި ބާކީ ވިދާޅުވަނީ ހަމަނުޖެހުންތައް ހިނގާ ސަރަހައްދުތަކަށް އަމިއްލައަށް ވަޑައިގެން ސުލްހަ ގާއިމުކުރުމަށް ސީދާ މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
މި ހުރިހާ ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމާއެކު، ކުރިއަށް އޮތް ދައުރަށް ދުނިޔޭގެ އެންމެ އިސް ސުލްހައިގެ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުގެ ނިންމުންތަކުގެ މައްޗަށެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450