ދުނިޔެ

ކެބެޖް ތާޒާކުރުމަށް ކެންސަރު ޖައްސާ ކެމިކަލެއް ބޭނުންކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި

ކެބެޖް ތާޒާކުރުމަށް ކެންސަރު ޖައްސާ ކެމިކަލެއް ބޭނުންކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި

ކެބެޖް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޯގަސްޓު 2026، 03:59

24 އޯގަސްޓު 2026، 03:59

ކެއުމަށް ބޭނުންކުރާ ކެބެޖް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި، ކެންސަރު ޖައްސާ ވިހަ ކެމިކަލެއް ކަމަށްވާ "ފޯމަލްޑިހައިޑް" ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޗައިނާގެ އުތުރުއިރުމަތީ ހެބެއި ޕްރޮވިންސްގެ ދަނޑުވެރިންތަކެއް، ކެބެޖްތައް ލޮރީތަކަށް އެރުވުމުގެ ކުރިން  ދިޔާކެމިކަލްއަކަށް ގަންބާ މަންޒަރު ފެންނަ ވީޑިއޯއެއް ތިމާވެއްޓާ ބެހޭ ބްލޮގަރަކު އާންމުކުރުމާ ގުޅިގެންނެވެ. އެ ސަރަޙައްދުގެ އޮފިޝަލުން މިހާރު ވަނީ އެ ވީޑިއޯގެ ޞައްޙަކަން ކަށަވަރުކޮށްދީފައެވެ. ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޢަމަލު ހިންގި ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ވަނީ ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައެވެ.

ފޯމަލްޑިހައިޑަކީ އާންމުކޮށް ސައިންޓިފިކް ތަޙުލީލުތަކުގައި ބައިއޮލޮޖިކަލް ސާމްޕަލްތައް ކުނިނުވާނެހެން ބެހެއްޓުމަށް ބޭނުންކުރާ ކުލައެއް ނެތް ކެމިކަލެކެވެ. މިއީ އިންސާނުންނަށް ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާއެއް ކަމަށްވާތީ، ކާބޯތަކެތި ތާޒާކުރުމަށް މި ކެމިކަލް ބޭނުންކުރުމަކީ ޗައިނާގެ ޤާނޫނުތަކުގެ ދަށުން މުޅިން މަނާކަމެކެވެ.

ހެބެއި ޕްރޮވިންސްގެ ކަންގްބާއޯ ކައުންޓީގެ އިދާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ފެނިއްޖެނަމަ އެކަމަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވެރިރަށް ބެއިޖިންގްގެ މައި ތަރުކާރީ މާރުކޭޓް ކަމަށްވާ ޒިންފާދީ މާރުކޭޓުން ބުނެފައިވަނީ، އެ މާރުކޭޓަށް އެތެރެކުރާ ކެބެޖްތައް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މި ވިހަ ކެމިކަލް އެކުލެވޭ އެއްވެސް ތަރުކާރީއެއް އެ މާރުކޭޓަށް އެތެރެނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދުނަ ނުދިނުމަށާއި އިތުބާރު ދެމެހެއްޓުމަށްޓަކައި، މުޅި ޤައުމުގެ މާރުކޭޓުތައް ކުއްލި ގޮތަކަށް ޗެކްކުރުމުގެ މަސައްކަތް އޮފިޝަލުން މިހާރު ވަނީ ފަށާފައެވެ. އަދި މިފަދަ ކަންކަން ހިނގާފައިވަނީ ކިހާ ފުޅާ ދާއިރާއެއްގައިތޯ ބަލައި، ވިހަ ތަޣައްޔަރުވެފައިވާ ތަރުކާރީ ދެނެގަތުމުގެ މަސައްކަތްވެސް ތަޙުޤީޤީ ޓީމުތަކުން ދަނީ ކުރަމުންނެވެ.

މި މައްސަލައަށް ޗައިނާގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ޤައުމީ ނޫހެއް ކަމަށްވާ "ޕީޕަލްސް ޑެއިލީ" ގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ، ވިޔަފާރިވެރިން ކުޑަ ފައިދާއަކަށްޓަކައި ކަސްޓަމަރުންގެ ފުރާނައާއި ޞިއްޙަތަށް އެއްވެސް ބެލުމެއްނެތި ހިންގި މި ޢަމަލަކީ ޤާނޫނީ އަދި އަޚްލާޤީ ރޮނގުތައް ފަހަނައަޅައި ދިއުން ކަމަށެވެ.

ދުނިޔޭގައި އުފައްދާ ކެބެޖްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ނުވަތަ އަހަރަކު 30 މިލިއަން ޓަނަށްވުރެ ގިނަ ކެބެޖް އުފައްދަނީ ޗައިނާއިންނެވެ. ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ކެބެޖް އެކްސްޕޯޓްކުރާ ޤައުމު ކަމަށްވާއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ކެބެޖް އެކްސްޕޯޓް ކުރަނީ އަވައްޓެރި ވިއެޓްނާމް، ސައުތު ކޮރެއާ އަދި ރަޝިޔާ ފަދަ ޤައުމުތަކަށެވެ.

އެމެރިކަން ކެންސަރ ސޮސައިޓީން ހާމަކުރާ ގޮތުގައި މަސައްކަތުގެ މާޙައުލުގައި ގިނަ މިންވަރަކަށް ފޯމަލްޑިހައިޑަށް ހުށަހެޅުމަކީ ކެންސަރު ބައްޔާ ސީދާ ގުޅުމެއް އޮތް ކަމެކެވެ. ނަމަވެސް، މަދު މިންވަރަކަށް މި ކެމިކަލް ހަށިގަނޑަށް އެތެރެވުމުން ކުރާ އަސަރުތައް އަދި މުޅިން ސާފުވެފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450