ދުނިޔެ

އިމްރާން ޚާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ދުނިޔޭގެ ކްރިކެޓް ލެޖެންޑުން ޕާކިސްތާނު ސަރުކާރަށް ގޮވާލައިފި

އިމްރާން ޚާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ދުނިޔޭގެ ކްރިކެޓް ލެޖެންޑުން ޕާކިސްތާނު ސަރުކާރަށް ގޮވާލައިފި

ޢިމްރާން ޚާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޯގަސްޓު 2026، 06:30

24 އޯގަސްޓު 2026، 06:30

ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކްރިކެޓް ލެޖެންޑް އިމްރާން ޚާނަށް އިންސާނިއްޔަތުކަމާއެކު މުއާމަލާތްކޮށް، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ގޮވާލައިފިއެވެ. މި ގޮވާލުން ހިމެނޭ ސިޓީއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގެ 21 ކުރީގެ ކެޕްޓަނުން ވަނީ ސޮއިކޮށްފައެވެ.

އޯގަސްޓް 23 ގައި ފޮނުވި މި ސިޓީގައި ކްރިކެޓް ލެޖެންޑުން ވަނީ އިމްރާންގެ ސިއްހީ ހާލަތު މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު ދިނުމަށާއި، އާއިލާއަށް ކޮންމެ ހަފްތާއަކު ބައްދަލުކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން ލަސްނުކޮށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް އެދިފައެވެ. ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ސުނިލް ގަވަސްކަރު، ކަޕިލް ދޭވް، ކްލައިވް ލޯއިޑް، އެލަން ބޯޑަރ، ގްރެގް ޗެޕަލް އަދި ޑޭވިޑް ގޯވާ ފަދަ ހޯލް އޮފް ފޭމް ކުޅުންތެރިން ހިމެނެއެވެ.

މި ސިޓީ އިސްނަގައިގެން ތައްޔާރުކުރި އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަން ގްރެގް ޗެޕަލް ވިދާޅުވެފައިވަނީ، މި ސިޓީއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ސިޓީގައި ފާހަގަކޮށްފައިވަނީ ސިޔާސީ އަދި ގާނޫނީ ގޮތުން ކޮންމެ ހިޔާލުތަފާތުވުމެއް އޮތް ނަމަވެސް، ކޯޓުން އަމުރުކޮށްފައިވާ ސިއްހީ ކަންކަން ފުރިހަމަކުރުމަކީ އިންސާފުވެރި ގޮތް ކަމަށެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އިމްރާން ޚާން ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސް، އޭނާގެ އަމިއްލަ ޑޮކްޓަރުން ހިމެނޭ ބޯޑަކުން ބެލުމަށެވެ. ނަމަވެސް ސަރުކާރުން އޭނާ ގެންދިޔައީ ސަރުކާރުގެ ހޮސްޕިޓަލަކަށް ކަމަށް ބުނެ އިމްރާންގެ ޕާޓީ (ޕީޓީއައި) އިން ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ.

އުމުރުން 73 އަހަރުގެ އިމްރާން ޚާން ޖަލުގައި ހުންނަވާތާ ތިން އަހަރު ވެފައިވާއިރު، އޭނާގެ ކަނާތު ލޮލުގެ ފެނުން ދަށްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 1992 ވަނަ އަހަރު ޕާކިސްތާނަށް ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދެއްވި އިމްރާނަކީ ދުނިޔޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް އޯލްރައުންޑަރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450