ދުނިޔެ
އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
ސީރިއާ އަދި އެމެރިކާގެ ރައީސް
އެމެރިކާއިން ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓު ނުވަތަ "ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް" ލިސްޓުން ސީރިއާ ރަސްމީކޮށް ހޯމަ ދުވަހު އުނިކޮށްފިއެވެ. މިއީ ވޭތުވެދިޔަ 14 އަހަރުގެ ދާޚިލީ ހަނގުރާމައަށްފަހު، އެ ޤައުމު އަލުން އާރާސްތުކުރުމަށް ލިބުނު "ތާރީޚީ" ނިންމުމެއް ކަމަށް ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާ ވަނީ ވިދާޅުވެފައެވެ.
މި ނިންމުމަށް ޢަމަލުކުރަން ފަށާފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެކަން ކޮންގްރެސްއަށް ރަސްމީކޮށް އެންގެވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ 45 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. މިއީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު އައި އާ ސަރުކާރަށް ލުއިތަކެއް ދިނުމަށް ޓްރަމްޕް ވެވަޑައިގެންނެވި ވަޢުދެކެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ހާމަކުރި ގޮތުގައި، މި ނިންމުމާއެކު ޓެރަރިޒަމް ލިސްޓުގައި ހިމެނޭ ޤައުމުތަކަށް ކަނޑައަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެން ސީރިއާގެ މައްޗަކަށް ނުހިނގާނެއެވެ. މީގެއިތުރުން، ކުރިން އަލް-ނުޞްރާ ފްރަންޓް ނުވަތަ ހައިއަތު ތަޙްރީރުއްޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ވެސް ވޮޝިންގޓަނުން ވަނީ ބާޠިލުކޮށްފައެވެ. އަދި އެ ޖަމާޢަތް ޚާއްޞަ ދަތިކުރުމުގެ ލިސްޓުން ވެސް ވަނީ އުނިކޮށްފައެވެ. އެހެންކަމުން، ސަރުކާރުގެ ތެރޭގައި އެ ޖަމާޢަތުގެ ބައިވެރިވުން އޮތުމުން މުޢާމަލާތްތައް ހުއްދަކުރުމަށް ދޫކޮށްފައިވާ "ޖެނެރަލް ލައިސަންސް 25" އަކީ ދެން ބޭނުންތެރި އެއްޗަކަށް ނުވާތީ، އެ ލައިސަންސް ވެސް ވަނީ އުވާލާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ފިޔަވަޅު އެޅީ ބައިނަލްއަޤްވާމީ ޓެރަރިޒަމާ ސީރިއާ އެއްކޮށް ދުރުހެލިވުމަށް ރައީސް ޝަރާ އަޅުއްވަމުން ގެންދަވާ ހެޔޮ ފިޔަވަޅުތަކާއި ވެވަޑައިގެންފައިވާ ވަޢުދުތައް ބަލައިގަތުމުގެ ގޮތުން ކަމަށެވެ. އަދި އާ ސަރުކާރުން އައިސިސް، އަލްޤައިދާ، ހިޒްބުﷲ އަދި އީރާނާ ގުޅުންހުރި ގްރޫޕުތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިދިޔަ ނޮވެމްބަރު މަހު އައިސިސް ބަލިކުރުމުގެ ބައިނަލްއަޤްވާމީ ކޯލިޝަނާ ސީރިއާއިން ރަސްމީކޮށް ގުޅިފައިވާކަން ވެސް ރޫބިއޯ ފާހަގަކުރެއްވިއެވެ. ރޫބިއޯ އިތުރަށް ވިދާޅުވީ، ޓެރަރިޒަމްގެ ލޭބަލް ކަނޑާލުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންގޮސް، ސީރިއާގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށާއި ދުނިޔޭގެ އިޤްތިޞާދާ އަލުން ގުޅުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
މި ނިންމުމަށް މަރުޙަބާ ވިދާޅުވެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޝަރާ ވަނީ ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ސީރިއާގެ ވޭންދެނިވި މާޒީގެ ޞަފްޙާތައް އެއްފަރާތްކޮށް، ތަރައްޤީއާއި ޤައުމު އަލުން ބިނާކުރުމުގެ މުޅިން އައު މަރުޙަލާއަކަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވިއެވެ.
1979 ވަނަ އަހަރުން ފެށިގެން މި ލިސްޓުގައި ސީރިއާ ހިމެނެމުން އައި އިރު، މީގެ ސަބަބުން ސަލާމަތީ އެހީތެރިކަމާއި، މާލީ މުޢާމަލާތްތަކާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ދާޚިލީ ހަނގުރާމައިގައި އަސަދުގެ ސަރުކާރާ ދެކޮޅަށް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ޖަމާޢަތަކީ ޝަރާ އިސްވެ ހުންނެވި އެޗްޓީއެސް އެވެ.
މި ބަދަލު އައިސްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، ޤައުމު ހަމައަކަށް އެޅުވުމަށް ޝަރާ ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ. މީގެއިތުރުން، 2025 ވަނަ އަހަރުގެ މެއި މަހު ރިޔާޟުގައި ޓްރަމްޕާ ބައްދަލުކުރެއްވުމަށްފަހު، ސީޒަރ ސެންކްޝަންސް އުވާލެވުނު އިރު، މިދިޔަ ނޮވެމްބަރު މަހު ޝަރާ ވަނީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ޤައުމުގެ ވެރިޔަކު ވައިޓް ހައުސްއަށް ކުރެއްވި ފުރަތަމަ ތާރީޚީ ޒިޔާރަތް ކުރައްވާފައެވެ.