ދުނިޔެ

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ ވަގުތީ އާ ރޫޓަކަށް އީރާނާއި އޮމާނުން އެއްބަސްވެއްޖެ

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ ވަގުތީ އާ ރޫޓަކަށް އީރާނާއި އޮމާނުން އެއްބަސްވެއްޖެ

އިރާންގެ ޚާރިޖީ ވަޒީރު އަދި އޮމާންގެ ޚާރިޖީ ވަޒީރު. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 12:48

26 އޯގަސްޓު 2026، 12:48

ހޮރްމުޒް ކަނޑުއޮޅިން ބައިނަލްއަޤްވާމީ އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ވަގުތީ އާ ރޫޓަކަށް އީރާނާއި އޮމާނުން އެއްބަސްވެފައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ. ނަމަވެސް، ޖޫން މަހު ސޮއިކުރެވުނު ވަގުތީ ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރަންދެން އެ ކަނޑުއޮޅި ރަސްމީކޮށް ހުޅުވައިނުލާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޮރ ލީގަލް އެންޑް އިންޓަނޭޝަނަލް އެފެއާޒް، ކާޒިމް ޣަރީބްއާބާދީ އަންގާރަ ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، ދެ ޤައުމުން އެއްބަސްވި މި ރޫޓުގެ ފެށުން އަދި ނިމުމުގެ ބައެއް ހިމެނެނީ އީރާނުގެ ސަރަޙައްދީ ކަނޑުގެ ތެރޭގައި ކަމަށެވެ. އަދި މި ޓްރާންސިޓް ކޮރިޑޯގެ ފުޅާމިނުގައި ހަތް މޭލު (11.3 ކިލޯމީޓަރު) ހުންނާނެ ކަމަށާއި މިއީ ވަގުތީ ރޫޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަށް އާދެވިފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ތެހެރާނުގައި ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ. ދެ ޤައުމުގެ ޖޮއިންޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަނޑުއޮޅިން މައިންތައް ނެގުމާއި، ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ ފަންނީ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޣަރީބްއާބާދީ އިތުރަށް ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅީގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ހުރި މައިންތައް ނައްތާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ ޙަޤީޤަތެއް ނޫން ކަމަށާއި އެއީ މާކެޓުތައް ހަމައަކަށް އެޅުވުމަށް ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި އެމެރިކާގެ މައިން ނައްތާލާ އުޅަނދުތައް އެ ސަރަޙައްދަށް ވަދެއްޖެނަމަ އެއީ ހަމަލާދޭނެ އަމާޒުތަކަކަށް ވާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

އޭގެއިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަން މަސައްކަތްކުރާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެހެން ޤައުމުތަކުން ބޯނުލެނބުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ޖޫން މަހުގެ އެއްބަސްވުމާ އެއްގޮތަށް އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވެސް އީރާނުން ވަނީ އެމެރިކާއަށް ޝަރުތުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450