ދުނިޔެ

ނޭޕާލުގައި ފެންބޮޑުވެ 16 މީހުން މަރުވެ ގިނަ ބަޔަކު ގެއްލިއްޖެ

ނޭޕާލުގައި ފެންބޮޑުވެ 16 މީހުން މަރުވެ ގިނަ ބަޔަކު ގެއްލިއްޖެ

ނޭޕާލްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 05:13

26 އޯގަސްޓު 2026، 05:13

ނޭޕާލުގެ އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ކޯރުތައް ފުރިގެން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަދުވެގެން 16 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެއެވެ. ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ 105 ރައްޔިތުން ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓިބެޓްގެ ބޯޑަރު ސަރަހައްދުން ބޮޓޭ ކޯޝީ ކޯރަށް އެޅުނު ފެންގަނޑު ބޮޑުވެ، ނޭޕާލުގެ ނުވަކޮޓް އަދި ދާދިންގް ޑިސްޓްރިކްޓަށް ބެހިގެން ދިއުމާ ގުޅިގެންނެވެ. ފެންބޮޑުވުމުގެ ސަބަބުން ގިނަ އަވަށްތަކެއް ވަނީ އެއްކޮށް ދޮވެވިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނޭޕާލް ފުލުހުންގެ ތަރުޖަމާނު ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އަބިނާރާޔަން ކަފްލޭއާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ މިހާތަނަށް 8 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ނޭޕާލް ޓޫރިޒަމް ބޯޑުން މަޢުލޫމާތު ދޭ ގޮތުގައި ފެންބޮޑުވި ސަރަޙައްދުން ޖުމްލަ 384 ދަތުރުވެރިން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ބޭރުގެ 291 މީހުންނާއި ނޭޕާލުގެ 93 ރައްޔިތުން ހިމެނެއެވެ. ބޭރު މީހުންގެ ތެރެއިން 105 މީހުންނަކީ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. މީގެއިތުރުން ރަސުވާ ޑިސްޓްރިކްޓުން ނޭޕާލް ފުލުހުންގެ 26 އޮފިސަރުންނާއި، އަސްކަރީ ފުލުހުންގެ 7 މީހަކު ވެސް ވަނީ ގެއްލިފައެވެ.

ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ސަލާމަތްކުރުމަށް ނޭޕާލް އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކާއި ޑިޒާސްޓަރ ރެސްޕޮންސް ޓީމުތައް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ގެއްލުން ލިބުނު މިންވަރު ދެނެގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ނޭޕާލްގެ ހަކަތަ އުފައްދާ މައިގަނޑު 6 ހައިޑްރޯޕަވަރ ޕްރޮޖެކްޓަކަށާއި ސަބްސްޓޭޝަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ކަރަންޓުގެ ޚިދުމަތަށް ބުރޫއަރާފައެވެ. އަދި ގިނަ އަދަދެއްގެ މަގުތަކާއި ހައިވޭތައް ވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ރެޑްކްރޮސް އަދި ސިއްޙީ ޓީމުތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންގަވާފައެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް ދެކުނު އޭޝިއާ ސަރަޙައްދަށް ކުރާ ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ކާރިސާތައް އިތުރުވަމުންދާ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450