ދުނިޔެ
ގަލަންދިޔާ ޓްރެއިނިންގ ސެންޓަރު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އަވަސް އެހީތެރިކަމަށް އުންރުވާއިން އެދިއްޖެ
ގަލަންދިޔާގައި ހުންނަ އުންރުވާގެ ޓްރެއިނިންގ ސެންޓަރ
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އިރުމަތީ ގުދުސްގައި ހުންނަ އުންރުވާ (ޔޫއެންއާރުޑަބްލިއުއޭ) ގެ ގަލަންދިޔާ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަށް ވަދެގަނެ، އެތަން ހިފުމާ ގުޅިގެން ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކާމެދު އުންރުވާއިން އިންޒާރު ދީފިއެވެ. އެ އެޖެންސީން ވަނީ އެ ސެންޓަރަކީ ބަދަލުނުކުރެވޭނެ ފަދަ މުހިންމު ތަނެއް ކަމަށް ބުނެ، އެތަން ހިމާޔަތްކޮށް ހިންގުމުގެ ފުރުސަތު ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އުންރުވާގެ މީޑިއާ އެޑްވައިޒަރު އަދުނާން އަބޫ ހަސްނާ 'ގުދުސް ނިއުސް ނެޓްވޯކް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަންގާރަ ދުވަހުގެ ހެނދުނު އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ބާރުގެ ބޭނުންކޮށްގެން އެ ސެންޓަރަށް ވަދެގަތް ކަމަށެވެ.
އެގޮތުން މަދުވެގެން 50 ސިފައިންނާއި ހަތިޔާރު އެޅި ހަތަރު ވެހިކަލަށްވުރެ ގިނަ އުޅަނދު އެ ސަރަހައްދަށް ވަދެގަތް އިރު، އެވަގުތު އުންރުވާގެ 20 މުވައްޒަފުން އެ އިމާރާތުގެ ތެރޭގައި ތިއްބެވެ. މީގެ އިތުރުން އިސްރާއީލުގެ އޮފިޝަލުން ވަނީ އެ ސައިޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަން އާންމުކޮށް އިއުލާނުކޮށްފައެވެ.
އަބޫ ހަސްނާ ވަނީ އދ. ގެ ހުއްދައެއް ނެތި އަދި އެއްވެސް ރުހުމެއް ނެތި އދ. ގެ އިމާރާތަކަށް ހަތިޔާރު އެޅި ސިފައިން ވަދެގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ އަމަލު ކުށްވެރިކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އާދައިގެ އިމާރާތެއް ނޫން ކަމަށާއި، މިއީ ހަތް ދަހަރަށްވުރެ ގިނަ ދުވަހު ފަލަސްތީނުގެ ރެފިއުޖީންނަށް ހިދުމަތް ދެމުން އަންނަ އުންރުވާގެ އެންމެ ދުވަސްވީ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެވެ. އަދި ކޮންމެ އަހަރަކު ވެސް އިގްތިސާދީ ދަތިކަން ތަހައްމަލުކުރަމުންދާ އެތައް ސަތޭކަ ރެފިއުޖީ ކުދިންނަށް ހިލޭ ވޮކޭޝަނަލް ތައުލީމު މި ސެންޓަރުން ފޯރުކޮށްދެމުންދެއެވެ.
މިވަގުތު ވެސް ވެސްޓް ބޭންކުގެ ރެފިއުޖީ ކޭމްޕުތަކަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ 330 އެއްހާ ޒުވާނުން އެ ސެންޓަރުގައި ތަމްރީނު ހޯދަމުން އަންނަ ކަމަށް އަބޫ ހަސްނާ ވިދާޅުވިއެވެ. "މި ޒުވާނުންނަށް ވޮކޭޝަނަލް ތައުލީމު އުނގެނުމުގެ އެހެން އެއްވެސް ފުރުސަތެއް ނެތް،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝުއާފާތު ރެފިއުޖީ ކޭމްޕުގައި ހުރި ތިން ސްކޫލާއި، ދެ ކްލިނިކް އަދި ޝެއިޚް ޖައްރާހުގައި ހުންނަ އުންރުވާގެ ހެޑްކުއާޓަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ވެސް އޭނާ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވިއެވެ.
އަބޫ ހަސްނާ އިތުރަށް ވިދާޅުވީ، 1950 ގެ އަހަރުތަކުން ފެށިގެން އުރުދުންގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ސެންޓަރު ހިންގަމުން އަންނަ ކަމަށާއި، އދ. ގެ އިދާރާތަކަށް ލިބިދީފައިވާ ރައްކާތެރިކަމާއި އިމްތިޔާޒުތަކަށް އިސްރާއީލުން އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި މި ސެންޓަރު ބަންދުވެއްޖެނަމަ ގިނަ އަދަދެއްގެ ޒުވާނުންގެ ތައުލީމީ ހައްގު ގެއްލިގެންދާނެ ކަމަށް އިންޒާރު ދެއްވިއެވެ.
އިސްރާއީލުގެ މި އަމަލުތަކާ އެކުވެސް، ވެސްޓް ބޭންކުގެ 90 ސްކޫލަކާއި، 50 ސިއްހީ މަރުކަޒު މެދުވެރިކޮށް 270,000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އުންރުވާއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖެނީން އާއި ތުލްކަރަމް ހިމެނޭހެން 18 ރެފިއުޖީ ކޭމްޕެއްގައި އެ އެޖެންސީގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.