ކުޅިވަރު

މޮރީނިއޯ އަނބުރާ ރެއާލްގެ ދަނޑަށް އައި މެޗުގައި އެމްބައްޕޭ ހެޓްރިކް ހަދައިފި

މޮރީނިއޯ އަނބުރާ ރެއާލްގެ ދަނޑަށް އައި މެޗުގައި އެމްބައްޕޭ ހެޓްރިކް ހަދައިފި

އެމްބައްޕޭ ހެޓްރިކް ހެދުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޯގަސްޓު 2026، 10:14

27 އޯގަސްޓު 2026، 10:14

ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބެއު ދަނޑަށް އެނބުރި އައި މެޗުގައި ކީލިއަން އެމްބައްޕޭ ކާމިޔާބުކުރި ހެޓްރިކެއް ހަދައި، ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.

މޮރީނިއޯ ރެއާލްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެ، މިދިޔަ ހަފުތާ ބަންދުގައި އެސްޕަންޔޯލް އަތުން 2-1 އިން މޮޅުވި މެޗަށްފަހު، ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަކީ އޭނާ އެނބުރި އައިސް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ދިހަ އަހަރު ކުރިން ރެއާލްގެ ކޯޗެއްގެ މަޤާމުގައި ހުރިއިރު މޮރީނިއޯ ވަނީ އެ ޓީމަށް ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކޮށްދީ، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 178 މެޗުގެ ތެރެއިން 128 މެޗުން ޓީމު މޮޅުކޮށްދީފައެވެ. އެހެންކަމުން މޮރީނިއޯގެ އެނބުރި އައުމަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ބެރްނަބެއު ފުރާލިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލް ސޮސިއެދާދުން ވަރުގަދަ ކުޅުމެއް ދައްކައި ރެއާލަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެމްބައްޕޭ ވަނީ ލަނޑެއް ޖަހައި ރެއާލަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލޫކާ ސޫސިޗް ވަނީ ލަނޑެއް ޖަހައި ސޮސިއެދާދަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކުރިއިރު، ޖޫޑް ބެލިންގހަމްގެ މޮޅު ކުޅުމާއެކު އިތުރު ދެ ލަނޑު ފެނިގެންދިޔައެވެ. ބެލިންގހަމް ދިން ޕާހަކުން އެމްބައްޕޭ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ބެލިންގހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗު ނިމެން ދަނިކޮށް، ވިނީޝިއުސް ދިން ރީތި ބޯޅައަކުން ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެމްބައްޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެމްބައްޕޭއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މޮރީނިއޯ ބުނީ އެމްބައްޕޭއަކީ ތާރީޚީ ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ވޯލްޑް ކަޕް ރެކޯޑު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ރެއާލް މެޑްރިޑްގައި ވެސް ތާރީޚު ލިޔުމަށް އޭނާ ތައްޔާރަށް ހުރިކަމަށް މޮރީނިއޯ ބުންޏެވެ.

މީގެއިތުރުން މޮރީނިއޯ ފާހަގަކުރި ގޮތުގައި އެމްބައްޕޭއަކީ ހަމައެކަނި ލަނޑު ޖަހަން މަޑުކޮށްގެން ހުންނަ ކުޅުންތެރިއެއް ނޫން ކަމަށާއި، މުޅި ޓީމުގެ ކުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ބައިވެރިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި މިފަދަ މޮޅެތި ކުޅުންތެރިން ތިބޭއިރު، ވަކިވަކި ކުޅުންތެރިންނަށް ވުރެ ބޮޑަށް މަސައްކަތްކުރަން ޖެހެނީ މުޅި ޓީމު އެކުގައި ކުރިއެރުވުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450