ދުނިޔެ
އަލްޖީރިއާގެ ޖަންގައްޔެއްގައި އަލިފާންރޯވެ 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
އަލްޖީރިއާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް. ފޮޓޯ: ރޮއިޓާސް
އަލްޖީރިއާގެ އިރުއުތުރުގެ ޖަންގަލީގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން، 12 މީހުން މަރުވެ، އިތުރު 54 މީހުން ޒަޚަމްވެއްޖެއެވެ.
އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުން އެތައް އާއިލާއެއް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އަލްޖީރިއާގެ ދާޚިލީ ވަޒީރު ސައީދު ސަޔޫދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީހުން މަރުވެފައިވަނީ ޖީޖެލް، ބެޖާޔާ އަދި ތީޒީ އޫޒޫ ޕްރޮވިންސުން ކަމަށެވެ.
"ޖީޖެލް އިން ފަސް މީހުން، ބެޖާޔާ އިން ހަތަރު މީހުން އަދި ތީޒީ އޫޒޫ އިން ތިން މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވީ އަލިފާނުގެ ސަބަބުން ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން ފަރުވާދެމުންދާ މީހުންގެ ހާލަތު ބެއްލެވުމަށް ސޫކް އަލް-ތެނީންގެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައެވެ.
ރަސްމީ އަލްޖީރިއާ ޕްރެސް ސަރވިސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުގައި ފިހިގެން ފަރުވާ ހޯދަމުންދާ 54 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސްއެވެ. ސިވިލް ޕްރޮޓެކްޝަން ޓީމުތަކުން މުޅި ގައުމުގައި 154 ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ ކަމަށް ބުނެފައިވާއިރު، އޭގެ ތެރެއިން 36 ހާދިސާ ހިނގާފައިވަނީ ބެޖާޔާގައެވެ. އޭގެ ތެރެއިން 18 އަލިފާންގަނޑެއް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ސަޔޫދު ވިދާޅުވީ ސްކިކްދާ، އެލް ތާރްފް، ބުއީރާ، ތީޒީ އޫޒޫ އަދި ތެބެއްސާ ޕްރޮވިންސްތަކުގައި ރޯވި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އަދިވެސް ބެޖާޔާގެ 18 ސަރަހައްދެއްގައާއި ޖީޖެލްގެ 12 މުނިސިޕަލިޓީއެއްގައި އަލިފާން ނިއްވުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ސަރަހައްދީ ނޫސް ވެބްސައިޓެއް ކަމަށްވާ ޖީޖެލް ނިއުސް އިން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ބޯދުމުގެ ތެރޭގައި އާންމުން ދަނީ ޕޯސްޓް އޮފީސް ފަދަ ތަންތަނުން ހިމާޔަތް ހޯދަމުންނެވެ.
މި އަލިފާނުގެ ހާދިސާތައް ހިނގަމުން މިދަނީ އަލްޖީރިއާ އަދި އަވަށްޓެރި ޓިއުނީޝިއާއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ރާޅަކާ ގުޅިގެންނެވެ. ހޫނުމޫސުމުގެ ދުވަސްވަރު އަލްޖީރިއާގައި ނުރައްކާތެރި ޖަންގަލީގެ އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގާއިރު، ވޭތުވެދިޔަ މަހުވެސް މަދުވެގެން ހަ މީހުން ވަނީ މިފަދަ ހާދިސާތަކުގައި މަރުވެފައެވެ. ފަހަކަށް އައިސް އަންނަ ހޫނު ރާޅުތަކާއި ބާރު ވަޔާއި ވިއްސާރަ ނުވެ ހަނަފަސްވުމުގެ ސަބަބުން އަލިފާނުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ.