ދުނިޔެ

އިސްލާމީ ގައުމުތަކުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

އިސްލާމީ ގައުމުތަކުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 01:53

27 އޯގަސްޓު 2026، 01:53

އިސްލާމީ ގައުމުތަކުގެ އާބާދީ އާއި ޖިއޮސްޓްރެޓީޖިކް މުހިންމުކަމާ އަޅާބަލާއިރު އެ ގައުމުތަކުގެ އިގްތިސާދީ ހިއްސާ ކުޑަކަން ފާހަގަކުރައްވައި، އިސްލާމީ ގައުމުތަކުގެ މެދުގައި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ގޮވާލައްވައިފިއެވެ.

ވެރިރަށް ތެހެރާންގައި ބޭއްވުނު 40 ވަނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 57 މެންބަރު ގައުމަކީ ހަކަތައިގެ ވަސީލަތްތަކާއި، ޒުވާން އާބާދީއެއް އަދި ބޮޑު މާކެޓަކާއެކު ކަނޑާއި އެއްގަމުގެ މުހިންމު މަގުތަކުގައި އޮތް ގައުމުތަކެއް ކަމަށެވެ.

ނަމަވެސް، 2024 ވަނަ އަހަރު މި ގައުމުތަކުގެ ޖުމްލަ އިގްތިސާދަކީ ގާތްގަނޑަކަށް 9.2 ޓްރިލިއަން ޑޮލަރު ކަމަށާއި، މިއީ ދުނިޔޭގެ އިގްތިސާދުގެ އެންމެ 8.3 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެންބަރު ގައުމުތަކުގެ އެކްސްޕޯޓުގެ އެންމެ 19 އިންސައްތަ އެތެރޭގެ ވިޔަފާރިއަށް ބޭނުންކުރެވޭއިރު، ބާކީ ބައި ދަނީ ބޭރު ގައުމުތަކަށް ކަމަށް ވިދާޅުވެ އިސްލާމީ ގައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކުރުމަށް ބާރުއެޅުއްވިއެވެ.

މީގެއިތުރުން، އެއްވެސް އިސްލާމީ ގައުމެއްގެ ބިން އަނެއް ގައުމާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ.

"އެއްވެސް މުސްލިމް ގައުމަކުން އަނެއް ގައުމުގެ ހަމަނުޖެހުމުގެ ތެރެއިން އަމިއްލަ ސަލާމަތް ހޯދަން މަސައްކަތް ކޮށްގެން ނުވާނެ،" ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އީރާނުން ސަރަހައްދުގައި ހަނގުރާމަ ނުފަށާ ކަމަށާއި، އެމެރިކާއާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އީރާނުން ސާބިތުކަމާއެކު ތެދުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް އެއްބައިވަންތަކަން ގާއިމުކުރުމަށް ގޮވާލައްވަމުން، އީރާނަކީ ބަލިކަށި ގައުމެއް ނޫން ކަމަށާއި އަމިއްލަ ނަފްސު ދިފާއުކުރަން އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދަނޑިވަޅަކީ ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމުގެ މަޝްވަރާތަކަށް ގަތަރުގެ ބޮޑުވަޒީރު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އަދި އޮމާންގެ ފޮރިން މިނިސްޓަރު ތެހެރާނަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަގުތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450