ކުޅިވަރު

އަލްވަރޭޒްއަށް ނަފްސާނީ ގޮތުން ބަލިކަށިވެ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލައިފި

އަލްވަރޭޒްއަށް ނަފްސާނީ ގޮތުން ބަލިކަށިވެ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލައިފި

އެތުލެޓިކޯގެ ޖާޒީގައި އަލްވަރޭޒް / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޯގަސްޓު 2026، 10:35

28 އޯގަސްޓު 2026، 10:35

އާޖެންޓީނާގެ ތަރި ހޫލިއަން އަލްވަރޭޒް ކްލަބް ބަދަލުކުރުމުގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއްކޮށް، އެތުލެޓިކޯ މެޑްރިޑްގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލައިފިއެވެ.

ބާސެލޯނާއަށް ބަދަލުވުމުގެ ޝައުގުވެރިކަން އަލްވަރޭޒް ފާޅުކުރަމުން ދިޔަ ނަމަވެސް، ލީގުގެ ވާދަވެރި ޓީމަކަށް އޭނާ ދޫކޮށްލަން އެތުލެޓިކޯ އިން ވަނީ ދެކޮޅު ހަދައިފައެވެ. އަދި ބާސެލޯނާއާ އެކު އޮތް ގުޅުން ގޯސްވެ، އޭނާ އެ ޓީމަށް ދޫނުކުރާނެ ކަމަށް އެތުލެޓިކޯއިން ވަނީ ސާފުކޮށް އަންގައިފައެވެ. އޭގެ ބަދަލުގައި، އަލްވަރޭޒްގެ ރުހުމަކާ ނުލައި އިނގިރޭސި ވިލާތުގެ އާސެނަލްއަށް އޭނާ ވިއްކާލުމަށް އެތުލެޓިކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގެ ސަބަބުން އަލްވަރޭޒް ޑިޕްރެޝަނަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ވިދިވިދިގެން ހަތަރު ދުވަހު އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުނުވެފައެވެ. އަނިޔާގައި ތިބި ކުޅުންތެރިންނާއި ވޯލްޑް ކަޕަށްފަހު އެނބުރި އައި ކުޅުންތެރިންނަށް ހާއްސަކޮށް އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުންތަކަށް ވެސް އަލްވަރޭޒް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ހާޒިރުވިއެވެ. އޭނާ ހާޒިރުނުވުމުން ކްލަބުން ހިތްހަމަނުޖެހުނު ނަމަވެސް، ފުރަތަމަ އެކަން މާ ބޮޑު ކަމަކަށް ނަހަދައެވެ.

ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި އެ ޓީމުގެ 9 ނަންބަރު ޖާޒީ ހޯދުމަކީ އަލްވަރޭޒްގެ ބޮޑު ހުވަފެނެއް ކަމަށް އޭނާ ވަނީ ވޯލްޑް ކަޕް ތެރޭގައި ވެސް ހާމަކޮށްފައެވެ. ނަމަވެސް، ލަލީގާގެ ޗެމްޕިއަނުންނާ ވާހަކަދައްކަން އެތުލެޓިކޯއިން ދެކޮޅު ހަދަމުންދާތީ، އޭނާ މިހާރު ވަނީ އަމިއްލަ ކްލަބާއި ބާސެލޯނާގެ ދެމެދުގައި ތާށިވެފައެވެ.

ހޫނުމޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާން އެންމެ ފަސް ދުވަހަށް ވެފައިވާއިރު، އަލްވަރޭޒް ބަހައްޓާފައިވަނީ އޭނާގެ ނުރުހުމުގައެވެ. އަނެއްކޮޅުން، އާސެނަލްއިން އަންނަނީ އަލްވަރޭޒްގެ ޑީލް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެތުލެޓިކޯއިން ވެސް ބޭނުންވަނީ އޭނާ އާސެނަލްއަށް ވިއްކާލާށެވެ. އެހެންނަމަވެސް، ކުޅުންތެރިޔާގެ ނަފްސާނީ ހާލަތަށް ބަލައި، އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބާސެލޯނާއަށް ދިއުމުގެ ފުރުސަތު ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450