ދުނިޔެ

ޣައްޒާގައި އުފެދިފައިވާ ޓޮކްސިކް ކުނީގެ ނޭދެވޭ އަސަރު އިސްރާއީލަށް ކުރަން ފަށައިފި

ޣައްޒާގައި އުފެދިފައިވާ ޓޮކްސިކް ކުނީގެ ނޭދެވޭ އަސަރު އިސްރާއީލަށް ކުރަން ފަށައިފި

ޣައްޒާގެ ހަލާކުވެފައިވާ މަގެއްގައި ފެންބޮޑުވެފަ. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 06:02

30 އޯގަސްޓު 2026، 06:02

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އުފެދިފައިވާ ޓޮކްސިކް ނުރައްކާތެރި ކުނިތަކާއި ވިހަ ތަޣައްޔަރުތަކުގެ އަސަރު އިސްރާއީލުގެ އާންމު ސިއްހަތަށް ފޯރަން ފަށައިފިއެވެ.

 މި މަހުގެ ކުރީކޮޅު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބޯޑް އޮފް ޕީސްގެ މަންދޫބުން ވަނީ ދެ ފަރާތަށް ކުރިމަތިވެފައިވާ ސާފުތާހިރުކަމާއި އާންމު ސިއްހަތުގެ މައްސަލަތަކާ ބެހޭ ގޮތުން މަސައްކަތްކުރާނެ ވޯކިންގ ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެފައެވެ. ނަމަވެސް މި ގްރޫޕުގެ ތަފްސީލުތައް އަދި އާންމުކޮށްފައެއް ނުވެއެވެ.

ޣައްޒާގެ ކަރަންޓާއި ނަރުދަމާގެ ނިޒާމުތައް ހަލާކުވެފައިވުމުގެ ސަބަބުން، ދުވާލަކު 100،000 ކިއުބިކް މީޓަރަށް ވުރެ ގިނަ ސާފުނުކުރާ ނަޖިސް ފެން މެޑިޓެރޭނިއަން ކަނޑަށާއި އެއްގަމަށް ދަނީ ބޭރުވަމުންނެވެ. މި ސަރަހައްދުގެ ކަނޑުގެ އޮއިވަރު ދެކުނުން އުތުރަށް ދަތުރުކުރާތީ، މި ނަޖިސްތައް ސީދާ އިސްރާއީލުގެ އައްސޭރިފަށަށް ވާސިލުވެއެވެ. މީގެ ސަބަބުން އިސްރާއީލުގެ ދެކުނުގައި ހުންނަ އަޝްކެލޯން ޑީސެލިނޭޝަން ޕްލާންޓް އެތައް ފަހަރަކު ބަންދުކުރަން ޖެހިފައިވާއިރު، މަސްވެރިކަން ކުރާ ސަރަހައްދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ކަނޑުގެ ދިރުންތަކަށް މި ވިހަ މާއްދާތަކާއި ބެކްޓީރިއާތައް ވާސިލުވަމުންދާއިރު، މަސްމަހާމެހީގެ ޒަރީއާއިން ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށް ސިއްހީ ނުރައްކާ އޮތީ ކުރިމަތިވެފައެވެ. މީގެއިތުރުން، ލޮނު އަދި ކެމިކަލް ތަޣައްޔަރުތަކުގެ ސަބަބުން ބިމުގެ އަޑީގެ ފެންފަށަލަ ދުރު މުސްތަގުބަލުގައި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޔޫރޯ-މެޑް މޮނިޓަރ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދަނީ ޣައްޒާގައި ހުރި ގާތްގަނޑަކަށް 60 މިލިއަން ޓަނުގެ ކުނިތަކުގެ ތެރެއިން ބައެއް ތަކެތި ސިއްރިއްޔާތުގައި އިސްރާއީލަށާއި ވެސްޓް ބޭންކަށް ބަދަލުކުރަމުންނެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100 ލޮރީގެ ކުނި ޣައްޒާއިން ބޭރުކުރާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މި ކުނިތަކުގެ ތެރޭގައި ލެޑް، މާކިއުރީ، ކެޑްމިއަމް ފަދަ ވިހަ މައުދަންތަކާއި، ހުދު ފޮސްފަރަސް، ގޮވާތަކެތީގެ ބައިތަކާއި، ކެންސަރު ޖައްސާ އެސްބެސްޓޮސް ފައިބަރު ހިމެނެއެވެ. އަދި އިންސާނުންގެ ހަށިގަނޑުގެ ބައިތަކާއި ބަލިފަތުރާ ޖަރާސީމުތައް ވެސް މި ކުނިތަކުގައި ހިމެނޭއިރު، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ކަނޑައެޅިގެން ޚިލާފަށް ކުރެވެމުންދާ ކަމެކެވެ.

އެކޯޕީސް ފަދަ ތިމާވެށީގެ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ދެ ސަރަހައްދުގެ ތިމާވެށި ގުޅިފައިވުމުގެ ސަބަބުން ޣައްޒާގެ ނިކަމެތި ހާލަތުގެ އަސަރު އިސްރާއީލަށް ނުކޮށެއް ނުދާނެއެވެ. ޣައްޒާގެ ބިންތައް ސާފުކުރުމުގައި ބައިނަލްއަގުވާމީ ގަވާއިދުތަކަށް ނުބަލައި، ގަބުރުސްތާނުތައް ބުލްޑޯޒަރު އަޅައި ސާފުކުރުމަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި ނައްތާލުން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ހުރިހާ ނުރައްކާތަކުގެ ސަބަބުން އިސްރާއީލުގެ އަމިއްލަ ރައްޔިތުންނާއި ޣައިރުގާނޫނީ ވަޒަންވެރިންނަށް ވެސް ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދަނީ ލިބެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450