ވިޔަފާރި / ޚަބަރު
ދައުލަތުގެ ޖުމްލަ އާމްދަނީއަށް %10.4 ގެ ކުރިއެރުމެއް ލިބިއްޖެ
ފިނޭންސް މިނިސްޓްރީ. ފޮޓޯ: ދި އެޑިޝަން
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ އާމްދަނީ 10.4 އިންސައްތަ މަތިވެފައިވާކަން މާލީ ކަންތައްތަކާއި ސަރުކާރުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ހިސާބުތަކުން ދައްކައިފިއެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ ނިމުނު އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ލިބުނު އާމްދަނީ 512.1 މިލިއަން ރުފިޔާ ނުވަތަ ބައި-ބިލިއަން ރުފިޔާއިން އިތުރުވުމެވެ.
ޓެކްސް އާމްދަނީއަށް ބޮޑު ކުރިއެރުމެއް
ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި (ޓީޖީއެސްޓީ) ދައުލަތަށް 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 6.88 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރު 512.1 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ އިތުރުން އާންމު ޖީއެސްޓީގެ ގޮތުގައި ޖުމްލަ 3.53 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ ނިމުނު އަހަރާ އަޅާބަލާއިރު 10.8 އިންސައްތަ އިތުރު އަދަދެކެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 1.40 ބިލިއަން ރުފިޔާއަކީ ނިމުނު އަހަރާ އަޅާބަލާއިރު 6.2 އިންސައްތަ އިތުރުވުމެކެވެ. ޖުމްލަ ޓެކުސް އާމްދަނީގެ ގޮތުގައި މި އަހަރު 21.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ނިމުނު އަހަރަށްވުރެ 12.1 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ނިމުނު އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ހުރީ 5.6 ބިލިއަން ރުފިޔާގައެވެ.
ދައުލަތަށް ހިލޭ އެހީގެ ގޮތުގައި މި އަހަރު 455.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ނިމުނު އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު 221.5 މިލިއަން ރުފިޔާއަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 373.6 މިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.
ޖުމްލަ އާމްދަނީއާއި ހިލޭއެހީ އެއްކޮށް ދައުލަތަށް މި އަހަރު ލިބުނީ 27.60 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 25 ބިލިއަން ރުފިޔާ ކަމަށްވުމުން، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ވަނީ އިތުރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.
ބަޖެޓް ޑެފިސިޓް ކުޑަވުން
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ ބަޖެޓުގެ ޑެފިސިޓު ކުޑަވެ، ދަރަންޏަށް ނަގަންޖެހޭ ފައިސާގެ އަދަދު މަދުވާނެ ކަމެއްކަން މާލީ އިދާރާތަކުން ފާހަގަކުރެއެވެ. ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވާ މައިގަނޑު ސަބަބަކީ ބަޖެޓުގެ ޑެފިސިޓު ބޮޑުވަމުން އައުން ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރައްވާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓު ތަންފީޒުކޮށްފައިވަނީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ޑެފިސިޓެއްގައެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ ޑެފިސިޓު 1.1 ބިލިއަން ރުފިޔާގައި ހުރިއިރު، ދަރަނި އަދާކުރުމުގެ ހޭދަ ދައުލަތުގެ ހަރަދުން އުނިކުރުމުން ޕްރައިމަރީ ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ އަރަނީގައެވެ.