ދުނިޔެ

ނޭޕާލުގައި ފެންބޮޑުވެ ބިންގަރާސްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ނޭޕާލުގައި ފެންބޮޑުވެ ބިންގަރާސްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ނޭޕާޅްގައި ފެންބޮޑުވި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 08:04

31 އޯގަސްޓު 2026، 08:04

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ހައިޑްރޯޕަވާ ޕްރޮޖެކްޓްތަކުގެ ބިންގަރާސްތަކުގައި ތާށިވެފައިވާ 900 އަށް ވުރެ ގިނަ މަސައްކަތްތެރިން ސަލާމަތްކުރުމަށް ނޭޕާލުގެ ރެސްކިއު ޓީމުތަކުން އަވަށްޓެރި ޗައިނާ އަދި އިންޑިއާގެ މާހިރުންގެ އެހީތެރިކަމާއެކު އަވަސް މަސައްކަތްތަކެއް ފަށައިފިއެވެ.

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގެ ގްލޭޝިއާއެއް ވެއްޓިގެން ހިނގި މި ހާދިސާގައި 903 މީހުން މަރުވެ، 4,247 މީހުން ގެއްލިފައިވާ ކަމަށް ނޭޕާލްގެ ޑިޒާސްޓާ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެއިތުރުން ބޯޑަރުގެ އަނެއް ފަރާތުގައިވާ ޗައިނާގެ ޓިބެޓް ސަރަހައްދުން 16 މީހުން މަރުވެ، 546 މީހުން ވަނީ ގެއްލިފައެވެ. އަދި ޓިބެޓުން 23 ގައުމަކަށް ނިސްބަތްވާ 261 ބޭރުގެ ރައްޔިތުން ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ޗައިނާ ސަރުކާރުން ހާމަކުރެއެވެ.

ނޭޕާލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެތު ވިދާޅުވީ، "ގިނަ އަދަދެއްގެ ކިސަޑާއި ހިލަތައް ޖަމާވެފައިވުމަކީ ޓަނަލްތައް ހުޅުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން" ކަމަށާއި، މިވަގުތު މައިގަނޑު އަމާޒަކީ ބިންގަރާސްތައް ހުޅުވުން ކަމަށެވެ. ވެރިރަށް ކަތުމަންޑޫގެ ހޮސްޕިޓަލްތަކުގެ މޯޗަރީތައް ފުރިފައިވާއިރު، މޫސުމުގެ ސަބަބުން ހަށިގަނޑުތައް ހަލާކުވާން ފެށުމުން ބައެއް ހަށިގަނޑުތައް ވަނީ ވަޅުލާން ފަށާފައެވެ.

ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ "ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި ގުދުރަތީ ކާރިސާއެއް" ކަމަށެވެ. އަދި މޫސުން ގޯސްވެ، މަގުތައް ހަލާކުވެފައިވީ ނަމަވެސް، ރައްޔިތުން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުގެ 21,000 އެއްހާ މުވައްޒަފުންނާއި އާންމު ވޮލަންޓިއަރުން ސާބިތުކަމާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރެޑް ކްރޮސް އިން ލަފާކުރާ ގޮތުގައި މި ކާރިސާގެ އަސަރު 90،000 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވެއެވެ. ޗައިނާއިން މިހާރު ވަނީ 2،100 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުންނާއި 33 މިލިއަން ޑޮލަރުގެ އެހީ ކަނޑައަޅައި، ނޭޕާލަށް ޓަނަލް ރެސްކިއު މާހިރުންގެ ޓީމެއް ފޮނުވާފައެވެ. ހޯމަ ދުވަހު މޫސުން ރަނގަޅުވުމާއެކު ރެސްކިއު އޮޕަރޭޝަންތަކުގެ ދުވެލި ވަނީ އިތުރަށް އަވަސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450