ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހުން ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހުން ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2026، 05:54

01 ސެޕްޓެމްބަރު 2026، 05:54

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ޞިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ.

އަލްޝިފާ ހޮސްޕިޓަލުގެ މެޑިކަލް މަޞްދަރަކުން އަލްޖަޒީރާއަށް މަޢުލޫމާތު ދިން ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު އުތުރު ޣައްޒާގެ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްކަތީބާ ސަރަޙައްދަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް އަމާޒުވެ، ދެ ކުޑަކުދިން ހިމެނޭހެން ތިން މީހުން ވަނީ ޝަހީދުވެފައެވެ.

 އަދި މި ހަމަލާގައި އިތުރު އަށް މީހަކު ވަނީ ޒަޚަމްވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަޙައްދުން ބޯ ދުން އަރަމުންދިޔައިރު، ވިދިވިދިގެން އެތައް ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

ޣައްޒާ ސިޓީގައި ހުރެ އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މަޙްމޫދު ބުނި ގޮތުގައި، ހަމަލާ ދިން ވަގުތު އެ ސަރަޙައްދުގައި މަދުވެގެން 13 ޑްރޯން ހަރަކާތްތެރިވަމުން ދިޔައެވެ. "35 މިނެޓު ވަންދެން މެދުނުކެނޑި ޑްރޯން ހަމަލާތައް ދެމުންދިޔަ. އޭގެ ތެރެއިން ތިން ޑްރޯން އުދުހެމުން ދިޔައީ ނުރައްކާތެރި މިންވަރަކަށް ތިރިން،" ކަމަށް އޭނާ ބުންޏެވެ. އަދި އެ ސަރަޙައްދުގެ ސަލާމަތީ ފަރާތްތަކާ ޙަވާލާދީ އޭނާ ބުނީ ޚާއްޞަ ފައުޖުތަކެއްގެ ބަޔަކު ފެނި ބަޑީގެ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް، ވައިގެ މަގުން ދިން ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން މަސްރަޙު ވަރަށް ބޮޑަށް ހަލަބޮލިވި ކަމަށެވެ.

މީގެ އިތުރުން، މެދުތެރޭ ޣައްޒާގެ ދީރުލްބަލަޙަށް އިސްރާއީލުން ދިން ވަކި ހަމަލާއެއްގައި މަދުވެގެން އެކަކު ޝަހީދުވެފައިވާ ކަމަށް އަލްއަޤްޞާ މާޓާސް ހޮސްޕިޓަލުން ވަނީ ބަޔާންކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ފައުޖުތަކަށް އޮތް ނުރައްކާތައް ނައްތާލުމުގެ ބޭނުމުގައި ޣައްޒާގެ އެކި އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި ޣައްޒާގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ގޮވުންތަކުގެ އަޑު ވަނީ އިވިފައެވެ. އަދި ފަލަސްޠީނުގެ ޤުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ މި ހަމަލާތަކުގައި މިސައިލާއި ކުއަޑްކޮޕްޓަރ ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ކަމަށް ބުނާ "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް ފަހުވެސް، އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 1،320 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 4،300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450