ރިޕޯޓް

ކެފެއިން މާ ގިނައިން ބޭނުން ކުރުމުން ހަށިގަނޑަށް ކުރާ އަސަރުތަކާއި އޭގެ ސިއްހީ ނަތީޖާ

ކެފެއިން މާ ގިނައިން ބޭނުން ކުރުމުން ހަށިގަނޑަށް ކުރާ އަސަރުތަކާއި އޭގެ ސިއްހީ ނަތީޖާ

މާ ގިނައިން ކޮފީ ބުިމުން ލިބޭ ގެއްލުން - ފޮޓޯ: ބީބީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

03 ސެޕްޓެމްބަރު 2026، 04:12

03 ސެޕްޓެމްބަރު 2026، 04:12

ކެފެއިން އެކުލެވޭ ބުއިންތަކަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަގުބޫލު އެއް ބާވަތެވެ. ހެނދުނުގެ ހޭލުމާއެކު ނުވަތަ ވަރުބަލިކަން ފިލުވާލައި ސިކުނޑި ހޭލައްވާލުމަށް ކޮފީ، ސައި އަދި އެނާޖީ ޑްރިންކްސް ގިނަ ބަޔަކު ބޭނުންކުރެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި މެދުމިންވަރަކަށް ކެފެއިން ބޭނުންކުރުމަކީ ބައެއް ސިއްހީ ފައިދާތައް ލިބޭ ކަމެކެވެ. ނަމަވެސް، މިންވަރު މާ ގިނަވުމަކީ ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

އިންސާނާގެ ހަށިގަނޑުގައި ދުވަހުގެ މަސައްކަތަށްފަހު ވަރުބަލިކަން އުފައްދައި، ގުނަވަންތަކުގެ މަސައްކަތް މަޑުޖައްސާލުމަށް ބާރުއަޅަނީ 'އެޑެނޮސިން' (Adenosine) ކިޔާ މާއްދާއެކެވެ. ހަށިގަނޑުގެ ސެލްތަކުގައި ހުންނަ އެޑެނޮސިން ރިސެޕްޓަރުތަކާ އެ މާއްދާ ގުޅުމުން ނިދި އަންނަ ގޮތްވެއެވެ.

ކެފެއިން ހަށިގަނޑަށް އެތެރެވުމުން، އެޑެނޮސިންގެ ބަދަލުގައި ކެފެއިން އެ ރިސެޕްޓަރުތަކާ ގުޅި، ނިދި އައުމަށް ހުރަސްއަޅައެވެ. މީގެ އިތުރުން ސިކުނޑީގެ 'ޑޯޕަމިން' އަދި 'އެޑްރެނަލިން' ފަދަ ނިއުރޯޓްރާންސްމިޓާތައް އިތުރުކޮށް، މީހާ ހޭއްލައްވާލާ، މީހާއަށް ތާޒާކަން ގެނެސްދެއެވެ.

ކެފެއިންގެ މެދުމިންވަރު ބޭނުން ކުރމުން ލިބޭ ފައިދާތައް

މެދުމިންވަރަކަށް (ދުވާލަކު 3-4 ތަށި) ކޮފީ ބުއިމަކީ ސިއްހީ ގޮތުން ފައިދާހުރި ކަމެއްގެ ގޮތުގައި ދިރާސާތަކުގެ އަލީގައި ފާހަގަކުރެވިފައިވާ ކަމެކެވެ:

ސިކުނޑީގެ ދުޅަހެޔޮކަން: ސިކުނޑިއަށް ލޭ ދައުރުވުން އިތުރުކޮށްދީ، އަލްޒައިމާސް ފަދަ ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް %60 އަށް ދަށްކޮށްދެއެވެ. އަދި ޑިޕްރެޝަނުން ރައްކާތެރިވުމަށް އެހީވެއެވެ.
ބަލިތަކުން ރައްކާތެރިވުން: ޓައިޕް-2 ހަކުރުބަލި، ބައެއް ވައްތަރުގެ ކެންސަރު އަދި ހިތުގެ ފެއިލިއާއިން ރައްކާތެރިވުމަށް މަގުފަހިކުރެއެވެ. މިކަމުގައި ކޮފީގައި ހިމެނޭ 'ކްލޮރޯޖެނިކް އެސިޑް' ފަދަ އެންޓިއޮކްސިޑެންޓްތައް ބޮޑު ދައުރެއް އަދާކުރެއެވެ.
ކަސްރަތު ކުރުމުގެ ގާބިލުކަން: ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިން ބޭނުންކުރުމުން ކަސްރަތު ކުރުމުގެ ކުޅަދާނަކަން %1.7 އަށް އިތުރުކޮށްދެއެވެ.

ކެފެއިން މާ ގިނަވުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް

އެމެރިކާގެ އެފް.ޑީ.އޭ (FDA) އިން ކަނޑައަޅާފައިވާ ގޮތުގައި ބޮޑު މީހަކަށް ދުވާލަކު އެންމެ ރައްކާތެރީ 400 މިލިގްރާމް ކެފެއިން (ގާތްގަނޑަކަށް 4-5 ތަށި ކޮފީ) އެވެ. މި މިންވަރަށްވުރެ އިތުރުވުމުން ކުރިމަތިވާ މައްސަލަތައް:

ނިދުމުގެ މައްސަލަތައް: ކެފެއިންގެ ސަބަބުން ފުން ނިދި ނުލިބުމާއި، ނިދަން އުނދަގޫވާން މެދުވެރިވެއެވެ.
އެޑްރެނަލިން ގިނަވުމުގެ ސަބަބުން ހާސްވުން، އަތްފައި ތުރުތުރުއެޅުން، ބޯއެނބުރުން އަދި ހިތުގެ ތެޅުން އާދަޔާ ހިލާފަށް އަވަސްވުން ފަދަ ކަންކަން ކުރިމަތިވެއެވެ.
ހަޖަމުގެ ނިޒާމަށް ބުރޫއެރުން: ބަނޑުގައި އެސިޑް ގިނަވެ، މޭ އެންދުމާއި، ބަނޑުގައި ރިއްސުން އަދި ބަނޑުދިޔާވުން ފަދަ ކަންކަން ދިމާވެއެވެ.
ބަރޯސާވުން، ނުވަތަ ދެވިހިފުން: ގަވާއިދުން މާ ގިނައިން ބޭނުންކުރުމުން ހަށިގަނޑު އެކަމަށް ދެވިހިފައި، ކޮފީ ނުލިބިއްޖެނަމަ ބޮލުގައި ރިއްސުމާއި ވަރުބަލިކަން އިހުސާސްވެއެވެ. މިއީ ކޮފީގެ އެޑިކްޝަންގެ ސަބަބުން އޭގެ ވިތްޑްރޯވަލް ކަމަށް ވެސް ބައެއް ސިއްހީ މާހިރުން ބުނެއެވެ.
ހިތުގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާވުން: ލޭގެ ޕްރެޝަރު މަތި މީހުން، ދުވާލަކު ދެ ތައްޓަށްވުރެ ގިނައިން ކޮފީ ބޯނަމަ ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ ބޮޑުވެއެވެ.

ފިލްޓަރު ކޮފީ، ކަޅު ސައި އަދި ގްރީން ޓީއަކީ  އެންޓިއޮކްސިޑެންޓްސް ގިނަ، މެދުމިންވަރަކަށް ބޭނުންކުރާނަމަ ފައިދާހުރި ބުއިންތަކެކެވެ. 
އެނާޖީ ޑްރިންކްސް އަދި ކެފެއިން ޕައުޑަރު: މިފަދަ ބުއިންތަކުގައި 75 އިން ފެށިގެން 500 މިލިގްރާމާ ހަމައަށް ކެފެއިން ހިމެނެއެވެ. އެނާޖީ ޑްރިންކްސް ތަކުގައި އެހެނިހެން ސްޓިމިއުލަންޓްސް އެކުލެވުމުގެ ސަބަބުން ނާރުތަކުގެ ނިޒާމަށާއި ހިތަށް ނުރައްކާވެ، ޕެނިކް އެޓޭކް އަދި ފިޓުޖެހުމަށް މަގުފަހިވެގެންދެއެވެ.

އޯވާޑޯޒްވުން: އާދައިގެ މިންވަރަކަށް ކޮފީ ބޮއެގެން ކެފެއިން އޯވާޑޯޒްވުމަކީ ދުރު ކަމެއް ނަމަވެސް، ކެފެއިން ޕައުޑަރާއި އެނާޖީ ޑްރިންކްސްގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރަށް ވިހަވުން  ކުރިމަތިވެދާނެއެވެ.

ކެފެއިންއަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބޭ އެއްޗެއް ނަމަވެސް، މިންވަރު މާ ގިނަވެއްޖެނަމަ އެއީ ސިއްހަތަށް ނުރައްކާތެރި ވިހައަކަށް ބަދަލުވެދާނެ އެއްޗެކެވެ. ރައްކާތެރި ގޮތަކީ ދުވާލެއްގެ މައްޗަށް 400 މިލިގްރާމަށްވުރެ ކެފެއިން އިތުރު ނުކުރުމާއި، ކެފެއިން އެކުލެވޭ އެނާޖީ ޑްރިންކްސް ފަދަ ތަކެތިން ދުރުހެލިވުމެވެ. އަދި ހާއްސަކޮށް މާބަނޑު މީހުންނާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކުން ޑޮކްޓަރެއްގެ އިރުޝާދާއެކު މިފަދަ ބުއިންތައް ބޭނުންކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450