ދުނިޔެ
ހޮރްމުޒް ކަނޑުއޮޅިން ހުރަސްކުރާ ތެލުގެ އަދަދާ މެދު އެމެރިކާއިން ދައްކާ ވާހަކަތަކާއި ހަގީގީ ހިސާބުތައް ދިމާނުވޭ
ހޮރްމުޒް ކަނޑު އޮޅި.
ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ ކޮން ބައެއްގެ އަތުގައިތޯ ބެލުމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ތަފާތު ދައުވާތަކެއް ކުރަމުންދާ މިދަނޑިވަޅުގައި، އެމެރިކާއިން ހާމަކުރާ ހިސާބުތަކާއި ކަނޑުދަތުރުފަތުރު ބަލަހައްޓާ ފަރާތްތަކުގެ ހިސާބުތައް ދިމާނުވާކަން ހާމަވެއްޖެއެވެ.
އެމެރިކާގެ އޮފިޝަލުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ ކަނޑުއޮޅި މިހާރު އޮތީ ހުޅުވިފައެވެ. އަދި ދުވާލެއްގެ މައްޗަށް އެތައް މިލިއަން ފީފާ ތެލެއް އުފުލާ ގިނަ އަދަދެއްގެ އުޅަނދުތައް އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ދަތުރުކުރަމުންދާ ކަމަށް ވޮޝިންޓަނުން ބުނެއެވެ. ނަމަވެސް، އީރާނުން ބުނަމުންދަނީ އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ގައުމުގެ އަތުގައި ކަމަށާއި، ހުއްދަ ނެތި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށެވެ.
އެމެރިކާއިން އަންގާރަ ދުވަހު އެކަނިވެސް 18 މިލިއަން ފީފާގެ ތެލާއެކު 40 ވިޔަފާރި އުޅަނދު ކަނޑުއޮޅި ހުރަސްކުރި ކަމަށް ބުނި ނަމަވެސް، މެރިން އެނަލިޓިކްސް ފާމް 'ކެޕްލަރ' (Kpler) ގެ ހިސާބުތަކުން ދައްކަނީ އެ ދުވަހު ދަތުރުކުރީ އެންމެ 11 އުޅަނދު ކަމަށެވެ. އަދި ވޭތުވެދިޔަ 10 ދުވަހުގެ އެވްރެޖަކީ ދުވާލަކު 13 އުޅަނދެވެ. މީގެ އިތުރުން 'ލޮއިޑްސް ލިސްޓް އިންޓެލިޖެންސް' ގެ ހިސާބުތައް ވެސް ދައްކަނީ މިއާ އެއްގޮތް އަދަދުތަކެކެވެ.
މި ތަފާތު އަންނަ މައިގަނޑު ސަބަބެއް ކަމަށް މާހިރުން ލަފާކުރަނީ، އެމެރިކާގެ ހިސާބުތަކުގައި ކުދި ބޯޓުފަހަރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ހިމަނާތީ ކަމަށް ވެދާނެއެވެ. އަދި ގިނަ އުޅަނދުތަކުން ޓްރެކިން ސިސްޓަމް ނުވަތަ އޭއައިއެސް (AIS) ނިއްވާލައިގެން 'ޑާކް ޓްރާންސިޓް' ހަދާތީ ކަމަށްވެސް ވެދާނެއެވެ.
ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރު (JMIC) އިން ބުނެފައިވަނީ، އެމެރިކާއިން ކަނޑުއޮޅީގައިވާ މައިންތައް ނައްތާލާފައިވާ ކަމަށް ބުނި ނަމަވެސް، އަދިވެސް އެ ސަރަހައްދުގައި ދަތުރުފަތުރުގެ ނުރައްކާ އޮތީ 'ސީވިއާ' ނުވަތަ ވަރަށް މަތީ ދަރަޖައެއްގައި ކަމަށެވެ.