ދުނިޔެ
އިންޑިއާގެ ޖެން ޒީ އަށް ފަހު، ތަޢުލީމީ އިޞްލާޙަށް އެދި އިންޑިއާގެ ޖެން އަލްފާގެ ދަރިވަރުން އިހުތިޖާޖަށް
އިންޑިއާގެ ޖެން އަލްފާ އިޙްތިޖާޖްކުރުން.
އިންޑިއާގެ ޒުވާނުން (ޖެން ޒީ) ތަޢުލީމީ ދާއިރާގެ އިޞްލާޙަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ފަހު، މިހާރު އެ ޤައުމުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ ކުދިން (ޖެން އަލްފާ) ވެސް މަގުތަކަށާއި ސްކޫލް ކޮމްޕައުންޑްތަކަށް ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުގެ ސަރުކާރު ސްކޫލްތަކުގެ ޙާލަތު ބޮއްސުންލައިފައިވާތީ، ޢުމުރުން އެންމެ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ވެސް އަންނަނީ އަސާސީ ޚިދުމަތްތަކާއި ރައްކާތެރި ޢިމާރާތްތަކަށް އެދި އަޑުއުފުލަމުންނެވެ.
އުއްތަރަ ޕްރަދޭޝްގެ ސަމޫހީ ބަޓްޕޫރްވާ އަވަށުގެ ޕްރައިމަރީ ސްކޫލެއްގެ 122 ދަރިވަރުން ވަނީ، ސްކޫލަށް އައު ޢިމާރާތެއް އަޅައިދޭނެ ކަމުގެ ޔަޤީންކަން ލިބެންދެން ކްލާސްތަކަށް ވަނުމަށް ދެކޮޅުހަދައި އިހުތިޖާޖު ކޮށްފައެވެ. މި ސްކޫލުގެ ފާރެއް 2023 ވަނަ އަހަރު ވެއްޓި ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިއަދާ ހަމައަށް ވެސް އެ ޢިމާރާތް މަރާމާތު ކޮށްފައެއް ނުވެއެވެ. އަށް އަހަރުގެ ދަރިވަރެއް ކަމަށްވާ ޕްރިޔާ ބުނި ގޮތުގައި، "ސްކޫލް ޢިމާރާތް ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ކިޔެވުމަށް ސަމާލުކަމެއް ނުދެވެއެވެ." ކުދިންގެ މި އިހުތިޖާޖާ ގުޅިގެން ތަޢުލީމީ އޮފިޝަލުން ވަނީ ވަރަށް އަވަހަށް އައު ޢިމާރާތެއް އަޅައިދޭނެ ކަމަށް ވަޢުދުވެފައެވެ.
މީގެ އިތުރުން މަހާރާޝްޓްރާ، ބިހާރު، ރާޖަސްތާން، ޖާރްކަންޑް އަދި މަދްޔަ ޕްރަދޭޝް ހިމެނޭހެން މަދުވެގެން 10 ސްޓޭޓެއްގައި މިފަދަ މުޒާހަރާތައް ދަނީ ހިނގަމުންނެވެ. އުއްތަރަ ޕްރަދޭޝްގެ ސަރްވޯދަޔާ އިންޓަރ ކޮލެޖުގެ ދަރިވަރުން ބުނާ ގޮތުގައި، ސްކޫލްގައި ކަރަންޓާއި، ބޯފެނާއި، އިށީންނާނެ ޑެސްކާއި ގޮނޑި ވެސް ނެތުމުން ކިޔަވަން ޖެހެނީ ބިމުގައި ތިބެގެންނެވެ. އަދި ހޫނު މޫސުމުގައި ފަންކާއެއް ނެތި ކިޔެވުމަކީ ނުހަނު ދަތި ކަމެއް ކަމަށް ދަރިވަރުން ބުނެއެވެ.
މި މުޒާހަރާތައް ފެށިފައި މިވަނީ، ޓެސްޓު ކަރުދާސްތައް ލީކުވުމާއި ވަޒީފާ ނެތުމުގެ މައްސަލައިގައި ޒުވާނުން ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކަށް ފަހުގައެވެ. 'ކޮކްރޯޗް ޖަނަތާ ޕާޓީ' (ސީޖޭޕީ) އިން އިސްނަގައިގެން ފެށި މި ހަރަކާތުގެ ސަބަބުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން ވަނީ މަޤާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. މިހާރު ސީޖޭޕީން ވަނީ 'ސްކޫލް ތީކް ކަރޯ' (ސްކޫލްތައް ރަނގަޅުކުރޭ) ގެ ނަމުގައި ކެމްޕޭނެއް ފަށައި، ކުޑަކުދިން ކުރަމުންދާ އިހުތިޖާޖުތަކަށް ފުރިހަމަ ތާއީދު ދޭން ފަށާފައެވެ.
އިންޑިއާގެ 2009 ވަނަ އަހަރުގެ 'ރައިޓް ޓު އެޑިއުކޭޝަން' (އާރްޓީއީ) ޤާނޫނުގައި ރައްކާތެރި ޢިމާރާތްތަކާއި، ފެނާއި ފާޚާނާގެ ޚިދުމަތް ލާޒިމުކޮށްފައި ވީނަމަވެސް، ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ސްކޫލަށް އެންމެ ޓީޗަރަކު ހުންނަ 100,843 ސްކޫލް އިންޑިއާގައި އެބަހުއްޓެވެ. މި ސްކޫލްތަކުގައި 2.9 މިލިއަން ކުދިން ތަޢުލީމު ޙާޞިލުކުރަމުންދާއިރު، އެއްވެސް ދަރިވަރަކު ނެތް 5,663 'ގޯސްޓް ސްކޫލް' ވެސް އިންޑިއާގައި ހުރިކަން ވަނީ ހާމަވެފައެވެ.